ސ. ހިތަދޫން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އަލަށް ގުޅުނު ކަމަށް ބުނާ 500 މީހުންގެ ފޯމް މިރޭ އެ ޕާޓީ އާ ހަވާލުކޮށްފި އެވެ.
ޖޭޕީން ލ. އަތޮޅުގައި މިރޭ ބާއްވަމުން އަންނަ ޖަލްސާގައި އެ ޕާޓީ އާ ހިތަދޫން ސޮއި ކުރި 500 މީހުންގެ ފޯމް ހަވާލު ކުރީ ހުސައިން ސޯލިހް އެވެ. ކުރިން ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި އެ ޕާޓީގެ އައްޑޫގެ މައި އެކްޓިވިސްޓްގެ ގޮތުގައި ހުންނެވި ސޯލިހް ޖޭޕީ އާ ގުޅިވަޑައިގަތީ މިދިޔަ އަހަރު އެވެ.
"ތަރައްގީ ގައިމު" ޝިއާރުގެ ދަށުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ކެމްޕޭން ކުރެއްވުމަށް ބާއްވާ ޖަލްސާގައި ހިތަދޫ އެ ޕާޓީ އާ ގުޅުނު މީހުންގެ ފޯމްތައް ހަވާލު ކުރުމަށް ފަހު ސޯލިހް ވިދާޅުުވީ އައްޑޫން އެ ޕާޓީ އާ ގުޅޭ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި ހާހުން މައްޗަށް އަރައިިގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބް ދެވަނަ ބުރަކަށް ނުގޮސް ޖޭޕީގެ ގާސިމް ކާމިޔާބް ކުރައްވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އަދި ނޮވެމްބަރު 11، 2013 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމުގެ ހުވާ ވެސް ކުރައްވާނީ ގާސިމް ކަމަށް މިހާރު ވެސް ގަބޫލް ކުރެއްވޭ ކަމަށް ސޯލިހް ވިދާޅުވި އެވެ.