Last Updated: June 27, 11:53
Saturday, June 27, 2026
ރިޕޯޓް

އަބުރުވެރިއެއްގެ އަބުރު ނަގާލައިގެން ފަނޑިޔާރުގެއަށް ދިއުމަކީ ފަންސާސް ކޮއްޓޭ ބޮލި ގެއްލުމަށްވުރެ މާދެރަ ކަމެކެވެ

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ދިވެހިރާއްޖޭގައި މިދުވަސް ފާހަގަކުރަން މިޖެހެނީ ކަޅު ބޯވިލާތަކެއްގެ އަނދިރިކަމުގެ ތެރޭގައި ތިބެގެންނެވެ. އަބުރާއި ބެހުން ހުއްޓުވުމުގެ ބަހަނާގައި ދުނިޔޭގެ ތަހުޒީބު އެއްވެސް ބަޔަކު މިހާތަނަށް ފަރުމާ ނުކުރާ ޒާތުގެ ނުރައްކާތެރި ގާނޫނެއް ފަރުމާކޮށް އޭގެ ބާރުގައި މިނިވަން ނޫސްވެރިކަން ޗިސްޗިސްކޮށްލުމަށް ބަޔަކު ފޫގަޅައިގެން ތިބި ވަގުތެއްގައެވެ. މިފަދަ ވަގުތެއްގައި މިފަދަ ދުވަހެއް ފާހަގަކުރާއިރު އަހުރެން ދައްކާނީ ކޮންވާހަކައެއް ބާވައެވެ. އަޑު އަހަން ބޭނުމީ ކޮންވާހަކައެއް ބާވައެވެ.

އަހުރެން ހިތުން ދިވެހިރާއްޖޭގައި އަބުރަށް ރައްކާތެރިވުން އިހު އޮތްގޮތާއި އިހުގެ އަބުރުވެރިން އެމީހުންގެ އަބުރަށް ރައްކާތެރިވުމުގައި ދައްކާފައިވާ މިސާލުތައް މިއަދު އެކަށީގެންވާ ވާހަކައަކަށް ވާނެއެވެ. އަބުރާއި އިއްޒަތް ހިފެހެއްޓެނީ ހަންމުށީގެ ބާރުގައި ނޫންކަމާއި އެއީ އަމިއްލައަށް ރައްކާތެރި ކުރެވޭނެ އެއްޗެއް ކަމާއި އަބުރު ނަގާލަން ފުރުސަތު ދިނީމާ ދެން އެއަބުރަކީ ބަބުޅަންބޮނޑީގެ މިސާލުގައި އެންމެން ތަޅަން އޮންނަ ބޯޅަޔަކަށް ވެދާނެކަން އިހުގެ ބައެއް ހާދިސާތަކުން ސާބިތުވެއެވެ.

ދުނބުރިފަތް ވެލާނާ ތަކުރުފާނަކީ އައްސުލްތާނު މުހައްމަދު މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގެ ދުވަސްވަރު މާލޭގައި އުޅުއްވި ވަރަށް ގަދަރުބޮޑު މުސްކުޅި ބެއިކަލެކެވެ. މިތަކުރުފާނުގެ މުސްކުޅި އުމުރުގައި ދެފައިގެ ކަށިމަތީގައި ވައްތަރެއްގެ ރޯޔެއް ހެދި އެއްގޮތަކަށްވެސް ފަސޭހަނުވެ އެފައިގައި ހުންނަނީ ދުނބުރިފަތުގައި ތެޔޮލައިގެން ބަނދެފައެވެ. ދުނބުރިފަތް ވެލާނާ ތަކުރުފާނޭ ކިޔުނީ މިހެންވެގެންނެވެ. މިނަމާއި މެދު މިތަކުރުފާނު އެއްގޮތަކަށްވެސް ގަޔާވުމެއް ނެތެވެ.

މިތަކުރުފާނު އެއްދުވަހަކު ހަކުރާ ގަނޑުވަރުގެ ދޮރޯށީގައި ހުންނަވަނިކޮށް އެތަކުރުފާނަށް ފަންސާސް ކޮއްޓޭ ބޮއްްޔަށް ދަރައި އޮންނަ މީހަކު އެބައާދެއެވެ. އެމީހަކީ މާލޭގެ ވަރަށް އާދައިގެ ވިޔަފާރިވެރިއެކެވެ. މީނާ މިހެން ދަމުން ވެލާނާ ތަކުރުފާނު ހުންނެވީތީ ދޮރޯށި ދޮށަށް މަޑުޖައްސައިލައި އަސްތާ ދުނބުރިފަތް ވެލާނާ ތަކުރުފާނު ކޮންކަމެއް ކުރައްވާ ދުވަހެއްތޯ އަހައިފިއެވެ. ދުނބުރިފަތޭ ހަމައިވުމުން ވެލާނާ ތަކުރުފާނު ވަރަށް ރުޅި ދުރުވެފައި ބުނުއްވިއެވެ. ތަކުރާއޭ އެއްކަލަ ފަންސާސް ކޮއްޓޭ ބޮލީގެ ކަންތައް އިހަށް ނިންމާލާފައި ދުނބުރިފަތޭ ކިޔުން ތާހިރުވާނެ ކަމަށް ފެނެއެވެ. އެހެންވީމާ ދަރަނި އަދާކުރަން އުޅޭށެވެ.

މިއަޑު އަހާން އެވަގުތު އެހެން ބަޔަކުވެސް ކައިރީގައި ތިބިކަމަށްޓަކައި މިކަލޭގެ ވަރަށް ހިތްހަމަނުޖެހި ގޮތް ދޫނުކުރުމުގެ ފިކުރެއްގައި ބުންޏެވެ. ވެލާނާ ތަކުރުފާނުވޭ މިހާރު ދެން މީސްތަކުންގެ މެދުގައި ދަރަނީގެ ވާހަކަ ގޮވައި ބޭޒާރުކޮށްފީމުތާއެވެ. އެހެންވީމާ ދަރަނީގެ މައްސަލާގައި ތަކުރުފާނު ފަނޑިޔާރުގެއަށް ދުރުވާށެވެ. ތިޔަ ދަރަނި ދެން އަދާކުރާހުށީ ފަނޑިޔާރުގެ މެދުވެރިކޮށެވެ. މިހެން ބުނެފައި މިކަލޭގެ މާބާރަކަށް ހިނގައިގަތީމާ ވެލާނާ ތަކުރުފާނު ބުނުއްވިއެވެ. އާނ އާނ ކަނޑާލައިފީމޭ ކަނޑާލައިފީމޭ ކަލޭގެ ތިޔަ ދާތާކަށް އަވަހަށް ގޮސްބަލާށެވެ. ދެން އެކަލޭގެ ހިނގައްޖެއެވެ.

މި އަޑުއަހާން ކައިރީގައި ހުރި އެހެން މީހަކު ނަންގެންފިއެވެ. އެއޮތް ހުރިހާ އެއްޗެއް ހަމަ ތިޔަ ކަނޑައިލެއްވީތޯއެވެ. މީގެ ޖަވާބުގައި ވެލާނާ ތަކުރުފާނު ބުނުއްވިއެވެ. އާނއެކޭ އެހެންޏާފަހެ މަށަށްވެސް މިހެދުނީ ގޯހެކެވެ. ތިމާއަށްވުރެ ދަށު ދަރަޖައިގެ މީހަކު ރުޅިއަންނާނޭ ކަހަލަ ވާހަކައެއް މަގުމަތީން ލައިގަނެގެން އެމީހާއާ ދިމާޔަށް ބުނުމަކީ ގޯހެކެވެ. އެކަހަލަ ވާހަކަ ދެއްކުމަކީ އަބުރަށް ރައްކާތެރި ނުވާކަމުގެ ދަލީލެކެވެ. ދެން އެހެން ނޫނަސް އަބުރުވެރިއެއްގެ އިއްޒަތް ނަގާލާފައި ފަނޑިޔާރުގެއަށް ދިއުމަކީ ފަންސާސް ކޮއްޓޭ ބޮލި ގެއްލުމަށްވުރެ މާދެރަ ކަމެކެވެ. ފަނޑިޔާރުގެއަށް ދިޔައިމާ އެތާގައި ދުނބުރިފަތޭ ކިޔާއަޑު އިވޭނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ކިތަންމެ ފަހަރަކު ކިޔާނެއެވެ. މިހެންވީއިރު ދެންވީ ދަރަނި ކަނޑާލަން ނޫންހެއްޔެވެ. މިހިސާބުން މިވާހަކަ ނިމުނީއެވެ. ދެން އެހެން ވާހަކައެކެވެ.

ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހީކުރަނީ ފުޓުބޯޅަޔަކީ މުހައްމަދު އަމީނުގެ ދައުރުގައި ސިލޯނުގެ މައިކަލް ޑިސިލްވާ ކިޔާމީހަކު ގެނެސްގެން ރާއްޖޭގައި ތައާރަފް ކުރެވުނު ކުޅިވަރެއް ކަމަށެވެ. އެކަމަކު އަސްލަކީ އެޔެއް ނޫނެވެ. އޭގެ މާކުރީންވެސް ދިވެހީން ފުޓުބޯޅަ ކުޅެ އުޅުނެވެ. އޭރު އެޔަށް ކިޔަނީ އެހެން ނަމެކެވެ. އޭރު ކިޔަނީ ބަބުޅަންބޮނޑިއެވެ. މިއެއްޗަކީ އެއްތެލުން ހަދައި ފޮތިގަންނަވައި ބޭރުން އެތައްފޮއްޗެއްލައި ފަހައިފައި އޮންނަ އެއްޗެކެވެ. އެއީ އެޒަމާނުގެ ފައިބޯޅައެވެ.

އިހުޒަމާނުގައި ރަސްކަމަށް ކޮލިލާދުވަހު އެންމެ ފަހަށް ކުރާ ރަސްމީ ކަމަކީ ބަބުޅަންބޮނޑި ފުރޮޅުމެވެ. ފުރޮޅުމޭ ކިޔަނީ މިޒަމާނުގެ ގޮތަށް ކިކޯފް ކުރުމަށެވެ. ބަބުޅަންބޮނޑި ފުރޮޅައިލާނީ ރަސްގެފާނުގެ އަނބިކަނބަލުންނެވެ. މި އެއްޗެއް ގަނޑުވަރުގެ ކުޅިބަލާގެއިން ގުޅަކުޅޭ ފަސްގަނޑަށް އެއްލެވީމާ ދެން އެއޮތީ ބަބުޅަންބޮނޑި ފުރޮޅައިލެވިފައެވެ. އެއިރު ހަވަރު އޮންނާނީ ގުޅަކުޅޭތާނގައި ދެބަޔަކަށް ބެހިފައެވެ. އިސްތިންވަރު މީހުން އުޅޭނީ ވެޔޮދޮށު ގަނޑުވަރު ތެރެޔަށް ބަބުޅަންބޮނޑި ދުއްވައިލާށެވެ. ފަސްތިންވަރު މީހުން އުޅޭނީ އެކަން އެހެންވިޔަ ނުދޭށެވެ.

އައްސުލްތާނު މުހައްމަދު އިމާދުއްދީނު މުސްކުޅި ބަންޑާރައިންނަށް ރަސްކަމަށް ކޮލިލީ ދުވަހު ބަބުޅަންބޮނޑި ފުރޮޅާލެއްވީމާ ގޮސް ބިންމަތީގައި ޖެހުނުތަންވަޅު ރީތި ދޮށިމޭނާ ތަކުރުފާނު ފައިން ޖެއްސެވީމާ ގޮސް ޖެހުނީ އެސްޖެހި ގަނޑުވަރު ދޮށަށެވެ. ދެން ދެބައިމީހުން މީގެ ފަހަތުން ދުވަމުން ޖަހަމުންގޮސް ގެއެއްގެ ތެރެއަށް ވެއްޓުނަސް އެންމެންގޮސް ވަދެގަނެއެވެ. ވެއްޓުނު އެއްޗެއް ވެއްޓި ހަލާކުވި އެއްޗެއް ހަލާކުވީއެވެ. އެކަމާ ފިކުރުކުރުމެއް ނޯވެއެވެ. މުޅި މާލެއަކީ ބަބުޅަންބޮނޑި ދަނޑެވެ. ރެފްރީއަކު ނުހުރެއެވެ. މިކަންތައް ހުއްޓޭނީ އިސްތިންވަރު މީހުންނަށް ވެޔޮދޮށު ގަނޑުވަރު ތެރެއަށް ޖެހުނު އިރަކުންނެވެ. ގޯލަކީ އެއީއެވެ.

މިދުވަހު މިއެއްޗެއްގެ ފަހަތުން ތަޅަމުން ފޮޅަމުންގޮސް ދަންނަ މުހައްމަދު ރަސްގެފާނު މިސްކިތާ ހަމަޔަށް ދެވޭއިރަށް ހުސައިން ދޮށިމޭނާކިލެގެފާނުގެ މޫސާ ދީދީ އަތިރީގޭގައި އިންނަވާފައި ނުކުމެވަޑައިގެން ޖެއްސެވި ޖެއްސެވީނުން ބަބުޅަންބޮނޑި ދިޔަނުދިޔަ ތަނެއް އެގުނު މީހެއްވެސް ނެތެވެ. އެތަންވަޅު މޫސާ ދީދީ ވިދާޅުވިޔޯލައެވެ. ރީތި ދޮށިމޭނާ ތަކުރުފާނަކަށްވެސް ދެނެއް ތިޔަ އެއްޗެއްގައި ޖަހާކަށް ނުފެންނާނެއެވެ. މިދުވަހު ދެން މިކަންތައް ހުއްޓިއްޖެއެވެ.

ރީތި ދޮށިމޭނާ ތަކުރުފާނާއި މޫސާ ދީދީއަކީ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް ބޮޑު ދެ ހަތުރުންނެވެ. މިދުވަހު ބަބުޅަންބޮނޑީގެ މައްސަލާގައި މޫސާ ދީދީ ވިދާޅުވި ބަސްފުޅު ބަޔަކު މީހުން އެގޮތް މިގޮތަށް ހަދަމުން އަނބުރަމުން ގެނެސް ބޮޑުވެގެންވާ ފިތުނައެއް އުފައްދައިފިއެވެ. ރީތި ދޮށިމޭނާ ތަކުރުފާނުގެ މައިބަފަޔަށް މޫސާ ދީދީ ގޮވައިފި ކަމަށް ހަދައިފިއެވެ. ރީތި ދޮށިމޭނާ ތަކުރުފާނަކީ ހަވަރުގެ އިސް ބޭފުޅަކަށް ވާތީ ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވެގެން މި މައްސަލަ ފައިސަލާކޮށްދެއްވުމަށް ރަދުންނަށް ދަންނަވައިފިއެވެ. އެމީހުން ދެންނެވިއެވެ. ހުސައިން ދޮށިމޭނާކިލެގެފާނުގެ މޫސާ ދީދީ މިހުންނެވި ރީތި ދޮށިމޭނާ ތަކުރުފާނުގެ އަމަޔަށް ބަފަޔަށް ގޮވައިފިއެވެ. މިކަން ބައްލަވައި ދެއްވާށެވެ.

ދެން ރަދުން ދެ ބަނޑޭރި ބެއިކަލަކު މޫސާ ދީދީގެ އަރިއަހަށް މި ޚަބަރާއިގެން ފޮނުއްވީމާ މޫސާ ދީދީ ވިދާޅުވިއެވެ. އަޅުގަނޑު މަނިއްޕުޅުގެ ބޮޑުބޭކަލަކަށް އަދި އެހެންވެސް ގެންގުޅުއްވާ މީހަކަށް ތިޔަކަހަލަ ކުޑައިމީސްބަހެއް ނުބުނަމެވެ. ނުވެސް ބުނާނަމެވެ. ދެން މިބައިމީހުން އައިސް ރަދުންގެ އަރިހުގައި މިވާހަކަ ދެންނެވީމާ ހަނގުބޭކަލުންނަށް މޫސާ ދީދީގެ ބަސްފުޅު ހުރިގޮތް އަންގަވައިފައި މޫސާ ދީދީ ތިޔަކަހަލަ ގޯހެއް ނުހައްދަވާނެއޭ ކަލޭމެން ތިޔަ ފިތުނަ ދެންހުއްޓާލަހަރޭ ރަދުން އަންގަވައިފިއެވެ.

މިވަރުންވެސް ހަނގުބޭކަލުންނާއި ރީތި ދޮށިމޭނާ ތަކުރުފާނަށް ހަމަޖެހުމެއް ނުލިބުނެވެ. އެމީހުން ދެންނެވިއެވެ. ތިޔަހެނަކުން އަދި މިކަމެއް ނުހުއްޓޭނެއެވެ. މޫސާ ދީދީ އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެން ތިޔަ ބަސްފުޅު ވިދާޅުވެއްޖީވިއްޔާ ހުއްޓިދާނެވެސް ތޯއްޗެކެވެ. މޫސާ ދީދީ މިތަނަށް ގެންނާން އަޅުގަނޑުމެންނަށް އަމުރުފުޅު ދެއްވާށެވެ. ދެން ރަދުން ވިދާޅުވެއްޖެއެވެ. ތިޔަބައިމީހުންނަށް ގެނެވެނީވިއްޔާ ގެންނާށެވެ. ދެން މިތަނުން މަޖިލީހަށް އަރާ ބޭކަލުންގެ ތިންހަތަރު މީހަކުގޮސް މޫސާ ދީދީގެ އަރިހުގައި ދަންނަވައިފިއެވެ. މޫސާ ދީދީ ތިޔަވިދާޅުވާ ބަސްފުޅެއް ވިދާޅުވާން ފަސްގަނޑަށް ވަޑައިގަންނަވާންވީއެވެ.

މޫސާ ދީދީ ހުންނަވާ ކެޔޮގޯތީ ކުޑައަށީގައި އޮންނަވާފައި ތެދުވެވަޑައިގެން އަނހާތާޔޭ ވިދާޅުވެފައި އެމީހުންނާ އެކުގައި ވަޑައިގެން ހެންވޭރު މައިޒާންގެ ކައިރިއަށް ހުއްޓިވަޑައިގެން ރުމާކޮޅު ނަންގަވައި އުނަގަނޑުފުޅުމަތީގައި ބަންނަވާފައި ވިދާޅުވެއްޖެއެވެ. ރަސްގެފާނަށާއި ރަސްކަމަށް ބޯލަނބައިގެން މިހިސާބަށް މިހިރީ އައިހެވެ. މީގެ އެކޮޅަށް ހަމަ ކިތަންމެ ކުޑަތަންކޮޅަކަށްވެސް ރީތި ދޮށިމޭނާ ތަކުރުފާނުގެ އަމަޔާއި ބަފަޔާ ދެމީހުން އަޔަސް ނުގެންދެވޭނެއެވެ. އިހަކު މައިބަފަޔަށް ނުގޮވަމެވެ. މިހާރު މިގޮވީއެވެ. ޒާތްޒާތަށް ދޮގުހަދައިގެން ނުހައްގުން ފިތުނަފަސާދަ ހަދަން އުޅޭނެ ކަމެއް ނެތެވެ.

ދެން މިބައިމީހުންގޮސް މި ޚަބަރު ދިނީމާ ރީތި ދޮށިމޭނާ ތަކުރުފާނާއި ހަނގުބޭކަލުން އިރުގަނޑަކު ތިބެތިބެފައި ރަދުންނަށް ދަންނަވައިފިއެވެ. އަޅުގަނޑުމެން ގޭގެއަށްދާން އަމުރުފުޅު ދެއްވާށެވެ. ރަދުން ހިނިވަރުނަ ކުރައްވާފައި ވިދާޅުވިއެވެ. ރީތި ލަނޑެއް ލިބިއްޖެ ނޫންހެއްޔެވެ. މައިބަފަޔަށް ނުގޮވައިގެން ބަޔަކު އުޅެގަތީމާ އެއޮތީ ގޮވައިފައެވެ. ދެންވެސް ހޭއަރާށެވެ.