Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

މުބާރާތެއް ބޭއްވިޔަސް އަތޮޅުތެރޭ ރައްޔިތުންނާއި މެދު ތަފާތުކުރުން!

ކޮންމެ އިންތިޚާބަކާއި ދިމާކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ސިޔާސީ ބޭފުޅުން ދެއްވމުން ގެންދެވި ނަމަވެސް ތަަރައްޤީ އަކީ ހަމައެކަނި މާލޭ ސަރަހައްދަށް ގެންނަ އެއްޗަކަށް މިވަނީ ވެފައެވެ.

އެ ތަރައްޤީގެ "ރަހަ" ބަލަން ބޭނުންނަމަ އަތޮޅުތެރޭގެ ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ ކުލި ދައްކަން މާލެ އައުމަށެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން ގެންދާތާ އެތައް އަހަރެއް ވީއިރުވެސް، އެކަމަށް ހައްލެއް ނުލިބެއެވެ.
ހުރިހާ ދިމާލަކުން ވެސް ފެންނަނީ، އަތޮޅުތެރޭގެ ރައްޔިތުންނާއި މެދު ތަފާތުކުރުން ގެންގުޅޭ މަންޒަރެވެ.

އާންމު ބަހުރުވަ އިންނަމަ "ރާއްޖެތެރޭ" ވީމާ ކުރިމަތިވާ ހިތްދަތިކަމާއި އުފުލަންޖެހޭ ތަކުލީފުތަކާއި އެ ހިތްދަތިކަމަކަށް އެ ވޭނަކަށް ފަރުވާއެއް ނެތެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ތަފާތު ކުރުންތައް ނައްތާލާނެ ކަމުގެ ވަޢުދާއި އެކުގައެވެ. އެހެންނަމަވެސް އެ ތަފާތުކުރުންތައް ނައްތާނުލެވި އަތޮޅުތެރޭގެ ރައްޔިތުންގެ ވޭން އިތުރުވީއެވެ. ތަދު އިތުރަށް ބޮޑުވީއެވެ. އަދިވެސް ބޮޑުވަމުން ދަނީއެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އިން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތަށް ނަޒަރު ހިންގާލުމުން ވެސް ފެނިގެންދަނީ ތަފާތުކުރުން ގެންގުޅޭ މިންވަރެވެ. ޕީއެސްއެމް އިން ބާއްވާ ޤުރުއާން މުބާރާތުން ޖާގަ ދޭނެ ކުދިން ހޮވުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އޮޑިޝަންތަކުން 700 ކުދިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ތެރެއިން އޮޑިޝަނަށް ހޮވުމަށް ހަމަޖެހިފައިވަނީ އެންމެ 200 ކުދިންނެވެ. ބާކީ 500 ކުދިން ހޮވުމަށް ހަމަޖެހިފައިވަނީ ވެރިރަށް މާލޭގައި ބާއްވާ އޮޑިޝަނުންނެވެ.

"މިއީ މިބުނާ ތަފާތު ކުރުމަކީ، ރާއްޖެތެރެ ވީމާ އެންމެ 200 ޖާގަ. އެއީ ނިސްބަތުން ބަލާއިރު ކޮންމެ އަތޮޅަކަށް 10 ނޫނީ 11 ޖާގަ ދޯ. އަތޮޅުތެރޭގައި ތިބި ކުދިންނަށް ކުރެވޭ މަލާމާތެއް ކަންނޭނގެ މިއީ"، ހިތަދޫ ސްކޫލްގެ ޓީޗަރަކު ބުންޏެވެ.

ދައުލަތުގެ މީޑިއާއިން އިންތިޒާމް ކުރާ މި މުބާރާތަށް އަތޮޅު ތެރޭގައި އޮޑިޝަން ބާއްވަމުން އަންނަ އިރު އައްޑޫއަށް ހާއްސަ އޮޑިޝަން މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.