Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ސްރީލަންކަން އިން ގަމަށް ދަތުރު ފަށާފާނެތަ؟

އައްޑޫ ސިޓީ އަށް ސްރީލަންކަންގެ ދަތުރުތައް ފެށުމާއި ބެހޭ ގޮތުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ސްރީލަންކަން އެއަރލައިންސްގެ ޗެއަރމަން، އަޖިތު ޑިއާސް އާއި އެކު މަޝްވަރާކުރެއްވި ޚަބަރު ލިބުމާއި އެކު އެއްބަޔަކު އުފަލުން ފޮޅުނެވެ.

ސްރީލަންކަން އެއާލައިންސްގެ މާލީ ޙާލަތަށް ބަލާއިރު، އެކުންފުނި މިވަގުތު އޮތީ އިތުރު މަންޒިލަކަށް ދަތުރުތައް ފެށޭނެ ފަދަ ޙާލަތެއްގައި ކަމަށް ބުނެވޭކަށް ނެތެވެ. އެގޮތުން އެ އެއާލައިން އިން އޯޑަރު ދީފައިވާ އެއަރބަސް އޭ350 ގެ 8 މަތިންދާ ބޯޓްގެ ތެރެއިން ހަތަރު ބޯޓްގެ އޯޑަރު، ސްރީލަންކާ ސަރުކާރުން ވަނީ ކެންސަލް ކޮށްފައެވެ.

ސަބަބެއް ކަމުގައި ސްރީލަންކާ ސަރުކާރުން ބުނެފައިވަނީ، އެއަރލައިނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގައުމީ އެއަރލައިނަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވީ ކަމަށެވެ. ރަނިލް ވިކްރަމް ސިންހް ވިދާޅުވެފައިވާ ގޮތުން ސްރީލަންކަން އެއަރލައިންސް ވަނީ 3.25 ބިލިއަން އެމެރިކާ ޑޮލަރުން ދަރަނިވެރިވެފައެވެ.

އެއަރބަސް އޭ350 ގެ 8 މަތިންދާ ބޯޓް ގަތުމަށް ބޮއިން ކުންފުންޏާއެކު 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސާގެ ސަރުކާރުގައެވެ.

އެއްބަސްވުމުގެ ދަށުން އެއަރބަސް އޭ350 ގެ 8 ބޯޓްގެ އިތުރުންވެސް، އޭ330 – އޭ300 ގެ ހަތްބޯޓް ގަތުމަށް ކުރީގެ ސަރުކާރުން އޯޑަރު ދިނެވެ. އޭގެ ތެރެއިން ހަވާލުކޮށްފައިވަނީ އޭ 330 އަދި އޭ 300 މަރުކާގެ މަތިންދާ ބޯޓުތަކެވެ.

ސްރީލަންކާއިން އޯޑަރު ދީފައިވާ އޭ350 ގެ 8 މަތިންދާ ބޯޓްގެ ތެރެއިން ހަތަރު ބޯޓް ހަދައިނިމި، މިއަހަރުގެ އޮގަސްޓްމަހު ސްރީލަންކާއާއި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޯޑަރު ކެންސަލްކުރީ ބޮއިން ކުންފުނިން އަދި ހަދަން ނުފަށާ ހަތަރު ބޯޓުގެއެވެ.

ލަންކާގެ ބޮޑުވަޒީރާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޮގަސްޓް މަހު ގެންނަ ހަތަރު ބޯޓްވެސް ވިއްކާލެވޭނެ ގޮތެއް ސަރުކާރުން ގެންދަނީ ބަލަމުންނެވެ.

128 ބިލިއަން ސްރީލަންކަން ރުޕީސް (872 މިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުމުގައި މިވަގުތު ޚިދުމަތް ދެމުން ގެންދާ ސްރީލަންކަން އެއާލައިންސް އިން އައްޑޫ އަށް ދަތުރުތައް ފަށާފާނެ ހެއްޔެވެ؟

އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، ސްރީލަންކަން އިން ސީދާ އައްޑޫ އާއި ކޮލަމްބޯ ދެމެދު މިވަގުތު ދަތުރުތައް ފެށުމަކީ ފީޒިބަލް ކަމެއް ނޫން ކަމަށެވެ.

" ގަމުން ކޮލަމްބޯ އަށް ހަފްތާއަކު 1 ފްލައިޓް ފުލްވެދާނެތޯ. އެހާ ފީޒިބަލް ކަމެއް ނަމަ މޯލްޑިވިއަން އިން އެކަން ކުރާނެ ދެއްތޯ. މޯލްޑިވިއަން އިން އެކަން ހުއްޓާލީ ވެސް ޚަރަދު ބޮޑުވެގެން"

ސ.ގަން އެއާޕޯޓުން ބޭރު ގައުމުތަކަށް ދަތުރު ކުރެވޭނެ ދުވަހެއް އައުމަކީ އައްޑޫގެ ގިނަ ރައްޔިތުންގެ ހުވަފެނެކެވެ. އެހެން ނަމަވެސް، މާލީގޮތުން ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާ އެއާލައިން އަކުން އެ ދަތުރުތައް ފަށާނެ ކަމަކަށް ނުބެލެވެއެވެ. އެންމެ ފަހުން ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށި ރާއްޖޭގެ ޤައުމީ އެއާލައިން އިން އެކަން ހުއްޓާލީ ކުންފުނި "ބަނގުރޫޓު" ވެދާނެ ކަމުގެ ބިރަށެވެ.