Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

ހިތަދޫ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތްތާ 2 މަސް!

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ކަށީގެ ޑޮކްޓަރެއް ނެތްތާ 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި އެޗްއާރްއެޗްގެ ކަށީގެ ޑޮކްޓަރު ވަނީ ހޮސްޕިޓަލަށް އެންގުމެއް ނެތި އަމިއްލަ ޤައުމަށް ފުރައިގެން ގޮސްފައެވެ.

ޑޮކްޓަރު އަނިލް ޗައުދަރީ އިންޑިޔާ އަށް ދިޔަކަން ހޮސްޕިޓަލަށް އެނގިފައިވަނީ ޑިއުޓީއަށް ނައުމުން ކަން ވީގޮތް އޮޅުން ފިލުވުމުންނެވެ.

މިދިޔަ މާރިޗް މަހުގެ ކުރީކޮޅު ކަށީގެ ޑޮކްޓަރު "ފިލައިގެން" ދިޔައީ ކަމަށް ބަލައި ހިތަދޫ ހޮސްޕިޓަލުން ވަނީ، އެ ޑޮކްޓަރު އިތުރަށް ބޭނުން ނުވާކަމަށް ހެލްތު މިނިސްޓްރީއަށް އަންގާފައެވެ.

ހިތަދޫ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ގިނަ ބަޔަކު ކަށީގެ ޑޮކްޓަރަށް ދެއްކުމަށް މާލެ އަންނަން ޖެހިފައިވާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ބުނި ގޮތުގައި، ހިތަދޫ ހޮސްޕިޓަލަށް ކަށީގެ ޑޮކްޓަރަކު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއ އެހެން ނަމަވެސް، ސީދާ ޑޮކްޓަރަކު ފޮނުވޭނީ ކޮން ހިސާބެއްގައި ކަން ބުނަން ނޭނގޭ ކަމަށެވެ.