Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

އަދުލުވެރި ވެރިކަމެއް ގާއިމުކޮށް ދެމެހެއްޓުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރާއްޖޭގައި ޢަދުލުވެރި ވެރިކަމެއް ޤާއިމު ކުރައްވައި ދެމެހެއްޓެވުމަށް ކުރައްވަން ޖެހޭ ހުރިހާ ކަމަކަށް ސަމާލުވެވަޑައިގެން އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް، ވެރިކަމުގެ ހިއްސާ އުފުއްލަވާ އަދި ވެރިކަމުގެ ތެރޭގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، އެ މަނިކުފާނު ށ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ފޭދު އަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޤާއިމު ކުރެވިފައިވާ ޑިމޮކްރެސީގެ މަޤްޞަދަކީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމާއި ޢަދުލުވެރި ވެރިކަމެއް ޤާއިމު ކުރުމެވެ.

ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުން ބޭނުންވާ ކަންކަން ކުރެއްވުމަށް ގަދައަޅައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށާއި، ރަނގަޅު ވެރިކަމެއް ކުރެވޭނީ ވެސް ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވައިގެން ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ވެސް، ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބެއްލެވުން ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ އެއްވެސް ރަށަކަށް އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް އަދި ހުރިހާ އެންމެންނަށް ވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކީގައި ދައުލަތުގެ ފަރާތުން ދެއްވަން ޖެހޭ ޚިދުމަތްތައް ދެއްވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.
އަދި މިކަމަކީ ދީނާއި ދުސްތޫރު ލާޒިމު ކުރާ ކަމެއް ކަމަށްވެސް ރައީސްވިދާޅުވި އެވެ.

ހަމައެހެންމެ، ރައްޔިތުންގެ މުދަލަށާއި ފައިސާ އަށް އަމާނާތްތެރިވުމަކީ ވެރިންނަށް ލާޒިމު ކަމެއް ކަމަށާއި، ވީހާ ވެސް އިސްރާފު ކުޑަކޮށް، ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީ ފޭދުއަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ބިންގަލާއި، ސަރުކާރުން އަލަށް ޢިމާރާތްކޮށްދެއްވާ ސްކޫލްގެ ބިންގާ މިއަދު މެންދުރުފަހު އަޅުއްވައިދެއްވިއެވެ.