Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ޑރ.އަޒްމިރަލްދާގެ އިސްތިޢުފާ: ޝަރުޢީ ދާއިރާގައި ތަޢުލީމީ ބޭފުޅުންނަށް ޖާގައެއް ނެތް ކަން ހާމަވެއްޖެ!

ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ޙާސިލްކުރާ މީހުންގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ކިޔަވަމުން ގެންދާ އެއް ދާއިރާ އަކީ ޤާނޫނީ ދާއިރާއެވެ. ރާއްޖެއިން ބޭރުގެ ޔުނިވާސިޓީ ތަކުން މަތީ ފާސް ހޯއްދަވައިގެން އެނބުރި ރާއްޖެ އައުމަށް ފަހު އޭގެ ތެރެއިން ގިނަ ބޭފުޅުން މަސައްކަތް ކުރައްވަނީ، ޕްރައިވެޓް ސެކްޓާރ ގައެވެ. ކޮންމެވެސް ލޯފާމެއް ނުވަތަ ޕްރައިވެޓް ކުންފުންޏެއްގެ ވަކީލެއްގެ ގޮތުގައެެވެ.
ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކުރައްވައިގެން ކޯޓުތަކުގައި މަސައްކަތް ކުރައްވަން ގިނަ ފަރާތްތަކުން ބޭނުމެއް ނުވެއެވެ. ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތެއް ނޯވެއެވެ. ނުފޫޒުތަކަށް ބޯ ނުލަނބައި މިނިވަންކަމާއި އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ތަޢުލީމީ ބޭފުޅުންނަށް ޝަރުޢީ ދާއިރާގައި ފުރުސަތު އޮތްނަމަ ދިވެހިރާއްޖޭގެ ހައި ކޯޓުގައި ހުންނެވި އެންމެ ތަޢުލީމީ ފަނޑިޔާރު މަޤާމުން އިސްތިއުފާ ދެއްވާނެ ހެއްޔެވެ؟

މިއަދު ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ކަމުގައި ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިސްތިއުފާ ހުށަހެޅުއްވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވެފައިވަނީ ޖޭއެސްސީ އާއި ޝަރުޢީ ދާއިރާގައި ތިއްބެވި ނުފޫޒުގަދަ ފަރާތްތަކުގެ ފިއްތުންތަކެެވެ.

ޑރ.އަޒްމިރަލްދާ ވަނީ އެކަމަނާގެ ކަންބޮޑުވުންތައް ފާހަގަކުރައްވައި ސުޕްރީމް ކޯޓާއި ޖޭއެސްސީއަށް ހަތަރު ސިޓީއެއް ފޮނުވާފައެވެ. އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ދީފައި ނުވާއިރު، އެ ސިޓީތަކުގައި ޑރ.އަޒްމިރަލްދާ އެދިފައިވާ އެއްކަމަކީ، އެކަމަނާ ހައި ކޯޓު ދެކުުނު ގޮފީގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި މުއްދަތު ސާފުކޮށްދިނުމަށެވެ.

ބައިނަލްއަޤްވާމީ ފިކުރީ މުދަލުގެ ދާއިރާއިން ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ، ޑރ.އަޒްމިރަލްދާ އަކީ، ހައި ކޯޓުގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ތަޢުލީމީ ގޮތުން އެންމެ މަތީ ފާސް އޮންނެވި ބޭފުޅާއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ސީނިއާރ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ކަމަށް، ޑރ. އަޒްމިރަލްދާ ހަމަޖެއްސީ އެބޭފުޅާ އަމިއްލަ އަށް އިސްތިޢުފާ ދެއްވުމަށް މަޖުބޫރު ކުރުވުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހައި ކޯޓުގެ ދެކުނު ގޮފީގައި ދެން ތިއްބެވި ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ ވެސް "އެހެލާފައި" ތިބި ފަނޑިޔާރުން ކަމަށެވެ.

"ލައްކަ ގިނަ ދުވަހު ކެތްކުރައްވައިފި. އަސްލު އިޚްލާސްތެރިކަމެއް އޮވެގެންނެއް ނޫން ހައި ކޯޓު ގޮފިތައް ހަދާލީ. މިއީ ފަނޑިޔާރުން "އެހެލަން" ހޭވި ހަޑިއެއް"

ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީއިން ގެންގުޅޭ ބޭއިންސާފު އުސޫލު ދާދި ފަހުން ވަނީ ފަޅާއަރާފައެވެ. އެގޮތުން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ގާޒީން އައްޔަން ކުރުމަށް ބޭއްވި އިންޓަވިއުއިން އެންމެ ދަށް މާކްސް ލިބުނު ފަރާތްތަކަށް ވެސް ވަނީ ގާޒީކަން ދީފައެވެ.