Last Updated: April 20, 11:49
Saturday, April 20, 2024
ރިޕޯޓް

ޑައިވަރުންނާއި މަސްވެރިންގެ ކަންބޮޑުވުމަކީ މިއީ!

އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަން ދެން ދެކެމުން އައި ހުވަފެނެއް މިއަދު މިދަނީ ހަގީގަތަކަށް ވަމުންނެވެ. ފޭދޫގެ ބިން ހިއްކައި ބިން ބޮޑު ކުރެވެނީއެވެ. އެހެން ކަމުން އެކަމާއި ދެކޮޅަށް މީހަކު އެއްޗެކޭ ބުނުމަށް ހަމަހިލާ ފޭދޫގެ އެއްވެސް ރައްޔިތަކު ނޭދޭނެއެވެ.

އައްޑޫ އަށް ނިސްބަތްވާ ޑައިވަރުންނާއި މަސްވެރިންތަކެއް މިއަދު ހަވީރު ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާއި މެދު ނުރުހުން ފާޅުކުރުމަށް މަގުމައްޗަށް ނިކުންނަ ޚަބަރު ލިބުމާއި އެކު އެއްބަޔަކު އެމީހުންނަށް މަލާމާތްކޮށް ފަތިވަރުތައް ލިޔަން ފަށައިފިއެވެ.

އައްޑޫ ސިޓީ ފޭދޫ ބިން ހިއްކުމާއި ބެހޭގޮތުން، އެންވަޔަރަމެންޓް އިމްޕެކްޓް އެނަލަސިސް (އީއައިއޭ) ރިޕޯޓެއް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އިން ވަނީ ތައްޔާރުކޮށްފައެވެ. އެހެންވީމާ، އެ ރިޕޯޓު އޮތްވައި އެއްވެސް ހާލެއްގައި ކިތަންމެ ވަރަކަށް ބިން ހިއްކިޔަސް ތިމާވެއްޓަށް ގެއްލުމެއް ނުވާނެ ނުވާނެއެވެ. މިއީ އެއްބަޔަކު ޤަބޫލުކުރާ ގޮތެވެ.

އެހެން ނަމަވެސް ހަޤީޤަތް އޮތީ މާދުރުގައެވެ. ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އީއައިއޭ ރިޕޯޓާއި އެއްގޮތަކަށް ނޫނެވެ. ފޭދޫގެ ބިން ހިއްކުމަށް މިހާރު ކޮންނަމުން އެދަނީ، އީއައިއޭ ރިޕޯޓުގައި ފޭދޫ ބިން ހިއްކުމަށް ކޮންނަން ހަމަޖެހިފައިވާ ކަމަށް ބުނެފައިވާ ސަރަހައްދުތަކެއް ނޫނެވެ. މަސްވެރިންނާއި، ޑައިވަރުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނީ އެސަބަބަށް ޓަކައެވެ.

އެން ހޯދަން ކުރަން ޖެހޭ ބުރަ މަސައްކަތް އެނގޭނީ ހަމަ އެކަމަށް ނިކުމެ އުޅޭ ބަޔަކަށެވެ. ކޮމްޕިއުޓަރު ދޮށުގައި ކީބޯޑުގެ ފިތްތަކަށް އޮއްބާލަން ތިބޭ ބަޔަކަށް ނޭނގޭނެއެވެ.

"އައްޑޫގެ މަސްވެރިން އެން ނުލިބިގެން ގއ. ގދ. އަށް ދާށޭ މިކިޔަނީ. މާތްކަލާކޯ އެހެން ބުނާ ބޭފުޅުން ގާތު ބުނެބަލަ އެންމެ ދުވަހަކު މިއިން މަސް ދޯންޏަކަށް އަރުއްވާށޭ. ކެތްކުރެވޭނެތޯ މި މަސައްކަތް ކުރަން." މަރަދޫ މަސްވެރިޔަކު ބުންޏެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި، ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މައުލޫމާތު އެމިނިސްޓްރީއަށް ލިބިފައިވާ ގޮތަށް ބަލާއިރު، އެތެރެވަރީގައި ހުންނަ އެންދަމާ ތިލަ ތަކަށް ގެއްލުން ވާގޮތަށް ކޮންނަން ހަމަޖެހިފައި ނުވާކަމަށެވެ.

" އެތެރެވަރީގައި ހުރި ތިލަތައް ކޮންނަ ކަމަށް ވާނަމަ އެއީ މައްސަލައެއް ދެއްތޯ. އެކަމަކު ރަސްމީ ސިފައެއްގައި ނެތް ތި އިޝޫ މިކޮޅަށް އައިސްފައި."

އީއައިއޭ ރިޕޯޓްގައި ހުއްދަ ދީފައިވާ ސަރަހައްދު (ކ). އަދި މިހާރު ބިން ހިއްކުމަށް ކޮންނަ ސަރަހައްދު.
އީއައިއޭ ރިޕޯޓްގައި ހުއްދަ ދީފައިވާ ސަރަހައްދު (ކ). އަދި މިހާރު ބިން ހިއްކުމަށް ކޮންނަ ސަރަހައްދު.

އެހެން ނަމަވެސް 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އައްޑޫގެ ޑައިވަރުންތަކެއް ވަނީ އެ މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި އައްޑޫގެ އެތެރެވަރީގައި ހުރި ތިލަތައް ކޮންނަމުން ދަނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އަށް އެނގިގެން ކަމަށް ވެއެވެ.

ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތް ކުރާ ޑައިވަރަކު 'އައްޑޫލައިވް' އިން ފޭދޫ ބިން ހިއްކުމާއި ބެހޭގޮތުން ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން ސުވާލުކޮށްލުމުން ފުރަތަމަ ވެސް ޖަހާލީ ހިނިގަނޑެކެވެ.

"އަޅުގަނޑަށް ހަމަ މަޖަލީ މިކަން. މިއީ މީހުންނަށް ތިމާވެއްޓަކީ ކޮބައިކަން އުނގަންނައިދޭން ޖެހޭ ސަބަބަކީ. މާދަމާ ޓޫރިސްޓުން މިތަނަކަށް ނާންނާނެ ހިއްކި ބިން ބަލާކަށް. މި މަންޓާރޭ ޕޮއިންޓު ފުނޑާލީމާ ދެން ކޯޗެއްތޯ ހުރީ އައްޑޫގައި. " ޑައިވަރަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބިން ހިއްކުމަށް ކޮންނަމުންދަނީ އައްޑޫގެ މަޝްހޫރު މަންޓާރޭ ޕޮއިންޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ކައިރި ހިސާބެއް ކަމަށެވެ.

" އަޑުއައްސަވާ. މިބުނަނީ ބިން ހިއްކާށޭ. އެކަމަކު މަންޓާރޭ ޕޮއިންޓާއި އެހާ ކައިރިން ވީމަ ކަޑައޭ. އެ ފުނޑިއްޖެއްޔާ ދެން ކޯޗެއް ބަލަންތޯ ޑައިވް ކުރާނީ. މަސްވެރިން އެންދަމަން ހުވަދޫއަށް ދާށޭ ބުނާ ބަޔަކު، އެއްދުވަހު އަރާބަލަ ދޯންޏަކަށް. ކެތްކުރެވޭނެތޯ" ހިތަދޫއަށް ނިސްބަތްވާ ޑައިވަރަކު ބުންޏެވެ.