Last Updated: May 2, 21:43
Friday, May 3, 2024
ޚަބަރު

އުރީދޫން "ސުޕަނެޓް"ގެ ނަމުގައި ބްރޯޑްބޭންޑްގެ ހިދްމަތް މިރޭ ފަށައިފި

ރާއްޖޭގެ މުވަސަލާތީ ހިދްމަތަށް އިންގިލާބެއް ގެނައި އުރީދޫން ބްރޯޑްބޭންޑްގެ ހިދްމަތް މިރޭ ފަށައިފިއެވެ.

"އުރީދޫ ސްޕަނެޓް"ގެ ނަމުގައި މިރޭ އިފްތިތާހްކުރި ބްރޯޑްބޭންޑްގެ ހިދްމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިހާރު މާލޭގައި ކުރިއަށްދާ "އުރީދޫ ނައިޓް" މިއުޒިކް ޝޮވްގެ ތެރެއިން ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އުރީދޫއަށް ބްރޯޑްބޭންޑް އިންޓަނެޓް ދިނުމުގެ ހުއްދަ ދިނުމާއި ގުޅިގެން ގޭގެއަށް އިންޓަނެޓް ފޯޜުކޮށްދިނުމުގެ ހިދްމަތް މިރޭ ފަށާފައިވަނީ ދެ އެމްބީޕީއެސްއިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދުގައި އިންޓަނެޓް ލިބޭ ޕެޖޭކްތަކާއިއެކުއެވެ.

އެގޮތުން އުރީދޫގެ އިންޓަނެޓް ޕެކޭޖްތަކުގެ އަގު 349 ރުފިޔާއިން ފެށިގެން 2049 ރުފިޔާ އާއި ދެމެދުގެ އަގުތަކުގައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަފާއެވެ.

އުރީދޫގެ ސުޕަނެޓްގެ ހިދްމަތް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މީޑިއާނެޓް މެދުވެރިކޮށް ކަމަށް އެކުންފުނިން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެކުންފުނިން އަބަދު ވެސް ކަސްޓަމަރުންނަށް ހާއްސަ ކަންތައްތައް ގެނެސްދެމެުން އަންނަކަމަށެވެ. އަދި މި ހިދުމަތަކީ ކަސްޓަމަރުން ބަލައިގަންނާނެ ހިދުމަތަކަށް ވާނެ ކަމަށް ވެސް ވިކުރަމަ ސިންހަ ވިދާޅުވި އެވެ.