Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

79 ޕަސެންޓް ކަސްޓަމަރުންގެ ކަރަންޓް ބިލްވީ ކުޑަ: ފެނަކަ

ސަރުކާރުން ކަރަންޓަށް ދެމުންގެންދެވި ސަބްސިޑީ ކަނޑާލެއްވުމުން 79 ޕަސެންޓް ކަސްޓަމަރުންގެ ބިލަށް އެއްވެސް ބަދަލެއް ނާންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރ އަޙްމަދު ނަޖާޙް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކަށް ސަރުކާރުން ދެއްވަމުން ގެންދެވި ސަބްސިޑީ ދިނުން ހުއްޓާލެއްވުމާއި ގުޅިގެން ކަރަންޓް ބިލް ބޮޑުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ހަގީގަތުގައި ކަރަންޓް ބިލް ކުޑަވެފައިވާ ކަމަށެވެ.

ނަޖާހް ވިދާޅުވީ އެ ކުންފުނިން ހެދި ދިރާސާ އަކުން ދައްކާ ގޮތުން 39،131 (ތިރީސް ނުވަހާސް ނުވަސަތޭކަ އެއްތިރީސް) ކަސްޓަމަރުންގެ ތެރެއިން 79 އިންސައްތަ ކަސްޓަމަރުންގެ ކަރަންޓުގެ ބިލަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ

އަދި 9 ޕަސެންޓް ކަސްޓަމަރުންގެ ކަރަންޓު ބިލް އަގުހެޔޮވެފައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ. އަދި 12 ޕަސެންޓް ކަސްޓަމަރުންގެ ބިލް ކޮންމެވެސް ވަރަކަށް ބޮޑުވިނަމަވެސް މާބޮޑު ތަފާތެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.

ނަޖާހް ވިދާޅުވީ ބައެއް ފަރާތްތަކުގެ ކަރަންޓް ބިލް ބޮޑުވެފައިވަނީ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓު އަގު އެކި އަގުތަކުގައި ނަގަމުން ދިޔުމުންކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މިގޮތަށް ވިދާޅުވެފައިވާ އިރު ފާއިތުވި މަސްތަކުގައި ކަރަންޓް ބިލް 3 ގުނަ ވަނީ ބޮޑުވެފައެެވެ. އަދި މިކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ އިރު އަތޮޅުތަކުގެ ކަރަންޓުގެ ރޭޓް އަލުން މުރާޖަޢާ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ފަހަރެއްގެ މަތިން ވިދާޅުވެފައެވެ. ނަމަވެސް ކަރަންޓްގެ އަގަށް އެއްވެސް ބަދަލެއް ނާދެއެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ބިލް ބޮޑު ނުވާކަމަށް ބުނެފައިވިޔަސް ހަގީގަތުގައި ކަރަންޓް ބިލް މިވަނީ ރައްޔުތުންނަށް ދައްކަން އުނދަގޫ ބޮޑު މިންވަރަކަށް ބޮޑުވެފައެވެ.