Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ފުރާޅު އެއްލާލި ހަތް ގެއަކަށް ސިފައިންގެ އެހީ

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ދެ އަވަށެއްގެ ހަތް ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށް ދޭން ފަށައިފި އެވެ.

ވިއްސާރައިގައި ވައި ގަދަވުމުގެ ސަބަބުން ހިތަދޫ ގެ ހަތަރު ގެއަކާއި ފޭދޫގެ ތިން ގެއެއްގެ ފުރާޅުގެ ބައެެއް ޓިނު ވަނީ އެއްލާލައިފަ އެވެ.

މި ހާދިސާގައި ފުރާޅު އެއްލާލާފައިވާ ހަތް ގެއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ، ސަދަން އޭރިއާ އިން ބުނީ ފުރާޅު އެެއްލާލި ގެތަކުގެ ފުރާޅުތައް ހަރު ކުރުމުގެ މަސައްކަތުގައި ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރޭ އައްޑު އަށް ކުރި ވިއްސާރަައިގައި ގަމުގެ ޒުވާނުންގެ މަރުކަޒުގެ ފުރާޅުން ވެސް ބައެއް ވަނީ އެއްލާލައިފަ އެވެ. ރޭ ކުރި ވިއްސާރައިގެ ފޭދޫގެ ބައެއް ސަރަހައްދުގައި ފެން ވެސް ބޮޑުވި އެވެ.

މީގެ އިތުރުން ރޭ ދިޔަވަރު ބޮޑުވެ، ފޭދޫގެ ހުޅަނދު ފަރާތުން އުދަ ވެސް އަރާފައިވެ އެވެ.