Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އެމްޕީއެލް ފޭދޫ އޮފީހުން ވައްކަން ކުރި މައްސަލައެއް ފެންމަތިވެއްޖެ

އައްޑު އާއި ފުވައްމުލަކާ ދެމެދު ދަތުރު ކުރަން ބޭނުން ކުރާ ލޯންޗެއް.

އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ފޭދޫގައި ގާއިމުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާ އާއި ލޯންޗެއްގެ އިންޖީނެއް އެ އޮފީހުގެ މުވައްޒަފަކު ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އޮފީހުން ފައިސާ ވަގަށް ނަގާފައިވާކަން ފަޅާ އެރީ އެތަން އޮޑިޓް ކުރުމުގެ ތެރޭގަ އެވެ.

އެ އޮފީހުން 460،000ރ. ގެއްލިފައިވާ ކަމަށްވެ އެވެ. އަދި އައްޑު އާއި ފުވައްމުލަކާ ދޭތެރޭ ދަތުރު ކުރަން ބޭނުން ކުރާ ލޯންޗެއްގެ އިންޖީނު ވެސް ވަގަށް ނަގާފައިވާ ކަމަށް އެނގިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ވައްކަމުގެ ތުހުމަތު އެޅުވިފައި ވަނީ އެމްޕީއެލްގެ ފޭދޫ އޮފީހުގެ އިސްވެރިއެއްގެ ބޮލުގަ އެވެެ. އަދި މި މައްސަލަ މިހާރު ބަލަމުން ކަމަށް އެނގިފައިވެ އެވެ.

ވައްކަމުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ މުވައްޒަފު އޮފީހަށް ވެސް ނުނިކުމެ މިހާރު ފިލައިގެން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. އޭނާއަކީ ހާޑްކޯ ޕީޕީއެމްގެ ފޭދޫ އިސް އެކްޓިވިސްޓެކެވެ.

މި މައްސަލަ އާ ގުޅިގެން އެމްޕީއެލްގެ އިސްވެރިއެއްގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.