ވައުދުގެ ވިލާ ގަނޑު ބޯމަތިވެއްޖެ އެވެ. ރިއާސީ އިންތިހާބަށް ނިކުންނަވާ ބޭފުޅުންގެ އާދަޔާ ހިލާފު ވައުދުތަކާއި ހެދި އޮބި ނޯވެ އެވެ.
ކާޑުގެ ބާވަތްތައް އެއް އަގެއްގައި ހިފައްޓާނަމަވެ. ގްރޭޑް 8 އިން މަތީ ކޮންމެ ކިޔަވާ ކުއްޖަކަށް ލެޕްޓޮޕެއް ދޭނަމެވެ. ރަށްރަށުގެ ބަނދަރު ހަދައި ދޭނަމަވެ. ކޮންމެ ކިޔަވާ ކުއްޖަކަށް ކިރު ތައްޓަކާއި ދޮންކެޔޮވަކެއް ދޭނަަމެވެ. ކޮންމެ ރަށެއްގައި އެއަޕޯޓެއް ހަދައިދޭނަމަވެ. ބްރިޖް އަޅާދޭނަމެވެ. ހުސް ވައުދެވެ. މި އިން ފުއްދާދެވޭނީ ކިތައް ވައުދެއް ހެއްޔެވެ؟.
އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލުވީ ފަސް ވައުދާއިގެންނެވެ. އެބޭފުޅުން ބުނާ ގޮތުން ވައުދުތައް ނުފުއްދުނީ ބަޤާވާތަކުން ވެރިކަން ވައްޓާލަމުންނެވެ. އެކަމަކާ އަޅުގަނޑު ވާހަކަދައްކަން ނެތީމެވެ.
ދާދި ފަހުން ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ވަނީ އައްޑޫގައި މާލެ އާއި އެއްފެންވަރުގެ ހޮސްޕިޓަލެއް ބިނާކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ. ރިއާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުންދާ ބޭފުޅަކު މާލޭގައި ހުރި ފެންވަރުގެ ހޮސްޕިޓަލެއް އައްޑޫގައި ބިނާކޮށް ދޭނަމޭ ބުނެ ވައުދުވީމާ އަަޅުގަނޑު މިހިރީ ކޮސްވެފަ އެވެ. އެ ބޭފުޅާ އަށް މާލޭގެ ހޮސްޕިޓަލުގެ ހާލު އެނގޭ ހެއްޔެވެ؟. އެތަނަށް ދިޔަ ބާ އެވެ؟ އެއީ ކިހާ ފެންވަރެއްގެ ހޮސްޕިޓަލެއް ހެއްޔެވެ؟.
ރާއްޖޭގެ އެންމެ ބޮޑު އާބާދީގައި އެބޭފުޅާ ބިނާކޮށްދެއްވަން އުޅެނީ މާލޭގައި ފެއިލްވެފަވާ ކަހަލަ ހޮސްޕިޓަލެކެވެ. އެތައް ބަޔަކު ރެއާއި ދުވާލު ހޭލާ ތިބެ ކިއުގަ ޖެހިގެން ތިބެ ހިދްމަތް ހޯދާ ފަދަ ހޮސްޕިޓަލެކެވެ. އެއްވެސް ވަސީލަތެއް ގާއިމް ވެފަ ނެތް ފެންވަރުގެ ހޮސްޕިޓަލެކެވެ. ދެތިން ހަތަރު ސްޕެޝަލިސްޓުންވެސް ނެތް ފަދަ ހޮސްޕިޓަލެކެވެ.
ހިދްމަތް ނުލިބިގެން ތިބި ބަޔަކަށް މިވަރުވެސް ފުދެ އެވެ. އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފެންވަރު ރަނަގޅު ސިއްހީ ހިދްމަތް ލިބެން ނެތުމުގެ ޝަކުވާއެވެ. ފަހަރުގައި އެ ބޭފުޅާއަށް މިކަން އެގިވަޑައިގެން ނަމަކަށް ކަމެއް ކޮށްދެއްވަން ނިންމެވީ ނޫން ބާވަ އެވެ؟
ގާސިމް އިބްރާހިމްއަކީ ކަންކަން ވަރަށް ފުރިހަމައަށް ކުރަން ބޭނުންފުޅުވާ ބޭފުޅެކެވެ. އެކަން އެންމެ ބޮޑަށް އެގިގެން ދިޔައީ މިފަހުން އެމަނިކުފާނުގެ ރަށް މާމިގިލީގައި ބިނާ ކުރައްވަން ނިންމި ހޮސްޕިޓަލުންނެވެ. މިހާރު ބިން ހިއްކުމުގެ މަަސައްކަތް ފަށާފައިވާ މި ހޮސްޕިޓަލަކީ އަޑު އިވޭ ގޮތުގައި ދެކުނު އޭޝިއާ ސަރަަހައްދުންވެސް ގުނާލެވޭނެ ފަދަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ހިންގާނީ ބައިނަލްއަގްވާމީ ފެންވަރުގަ އެވެ. ނަމަވެސް އެއީ އެބޭފުޅާގެ އަމިއްލަ ރަށުގައި ބިނާ ކުރާ ހޮސްޕިޓަލުގެ ވާހަކަ އެވެ.
ގާސިމް އައްޑޫގައި ހޮސްޕިޓަލެއް އަޅާދޭން ބުނެ ވައުދުވި އިރު އައްޑޫގައި ބޮޑު ހޮސްޕިޓަލެއް އެޅުމަށް ބަޖެޓް ލިބި އެމަސައްކަތް ފަށައިގަންނަން އުޅޭކަން ނޭގެނީ ބާވައެވެ. ނޫނީ އެފަދަ ދެވަނަ ހޮސްޕިޓަލެއް އަޅައިދެނީ ނޫން ބާވައެެވެ.
އައްޑޫގައި ކިޔަވައި ނިމި ވަޒިފާ ނެތް އެތައް ބަޔަކު އެބަ ތިއްބެވެ. ކިޔަވައިގެން މަތީ ތައުލީމު ނުލިބި ތިބި އެތައް ކުދިންނެއްވެސް އެބަ ތިއްބެވެ. މާލެ ގޮސް "ވިލާ ކޮލެޖް"އަށް ދާން ޖެހޭތީ ނުދެވި ތިބި އެތައް ކުދިންނެއް އެބަތިއްބެވެ.
އައްޑޫގައި އެކުދިން ތިބިކަން ގާސިމަށް އެގުނު ނަމަ މާލޭގައި ހުރި ފަދަ ހޮސްޕިޓަލެއް ބިނާކޮށްދެއްވާނަމޭ ނުބުނާނެކަން ޔަޤީނެވެ. އެކަން އެގެނީ ފުވައްމުލަކުގައި ވެސް ކާމިޔާބު ކަމާއި އެކު ވިލާ ކޮލެޖްގެ ފެކަލްޓީއަކުން އެރަށު ކުދިންނަށް ކިޔަވައިދޭތީ އެވެ.
ގާސިމް އިބްރާހިމްގެ ހޮސްޕިޓަލް ވައުދު އަދި އެހާ ޝައުގުވެރިއެއް ނޫނެވެ. އެފަދަ ހޮސްޕިޓަލެއް އައްޑޫއަކަށް ބޭނުމެއް ނޫނެވެ. މަނިކުފާންގެ ވައުދު ލިސްޓް ބަދަލު ކުރަންފެނެ އެވެ. ތިފަދަ ހޮސްޕިޓަލަކަށް ވުރެ ކޮލެޖް ފެކަލްޓީއެއް މާ މުހިއްމެވެ. އެކަމަށް އެދިއެދި އެތައް ކުދިންނެއް އެބަތިއްބެވެ.
"ނާމާން" މާލެ ދާކަށް އައްޑޫ ކުދިން ބޭނުމެއް ނޫނެވެ. ބޭނުމީ އަމިއްލަ ރަށުގައި އަމިއްލަ މައިންބަފައިން ގާތު ތިބެ އުގެނުމަށެވެ. އެކަން މަނިކުފާނަށް ކޮށްދެވިދާނެ އެވެ.