Last Updated: May 17, 20:30
Friday, May 17, 2024
ޚަބަރު

ފޭދޫ ހިއްކި ބިމަކީ ވަރަށް "އަގު ބޮޑު" ބިމެއް: އައިބީ

ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވަނިކޮށް ފޭދޫން މިހާރު ހިއްކަމުން އަންނަ ބިމަކީ ވަރަށް އަގު ބޮޑު، ރައްޔިތުންނަށް ވަރަށް އަގު ހުރި ބިމެއް ކަމަށާއި އެ ބިމުގެ ބޭނުން ކުރާނީ އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) ރޭ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި އައިބީ ވިދާޅުވީ ފޭދޫ ބިން ހިއްކުމަކީ މުޅި އައްޑު އަށް އަދި ވަކިން ހާއްސަކޮށް ފެދޫ ރައްޔިތުންނަށް ސަރުކާރުން ކޮށް ދިން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހިއްކި ބިން ޕްލޭން ކުރެވިގެން އަންނާނީ ދުރު މުސްތަގުބަލަށް ރާވައިގެން، އެ ބިމުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތެއް ކަމަށެވެ.

އަދި އެ ބިމުގައި ރައްޔިތުންނަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ގާއިމުކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން ކޮށް ދޭނެ ކަމަށް އައިބީ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ފޭދޫ ހިއްކި ބިމަކީ ޕްރައިވެޓް ހޮސްޕިޓަލެއް އަޅަން ޖެހުނަސް އަދި އެއާޕޯޓާ ގުޅިގެން ގާއިމު ކުރަން ޖެހޭ އެހެން ވަސީލަތްތަކެއް ގާއިމު ކުރަން ޖެހުނަސް އެކަމަށް ވެސް ޕްލޭންކޮށްގެން ހިއްކާފައިވާ ބިމެއް ކަމަށެވެ.

ފޭދޫ ހިއްކި ބިމަކީ އަގު ބޮޑު އަދި އަގު ހުރި ބިމެއް ކަމަށް ވިދާޅުވަނީ އެހެންވެގެން ކަަމަށް އޭނާ ވިދާޅުވީ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ފޭދޫން އަލަށް ހިއްކި ބިމުގައި ދިރިއުޅުމަށް ގޯތި ދޫކޮށް، ފްލެޓް އަޅާނެ ސަރަހައްދުތައް ކަނޑައަޅައި، ސްކޫލާއި މިސްކިތާއި ފިހާރަތަކާއި ޕާކާއި ސްޕޯޓްސް އެރީނާ ހަދާނެ ސަރަހައްދުތައް ކަނޑައަޅާނެ އެވެ.

މީގެ އިތުރުން ހިއްކި ބިމުގައި ގެސްޓް ހައުސް ވިޔަފާރި އަށް ވެސް ބިން ހާއްސަ ކުރަން ވަނީ ނިންމައިފަ އެވެ.

ykhk

ހަމަ އެއާ އެކު ގަރާޖާއި އެ ނޫން ވެސް ރަށު ތެރޭގައި ކުރާ އިންޑަސްޓްރިއަލް މަސައްކަތްތަކަށް ވެސް ހިއްކި ބިމަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް ވިދާޅުވި ގޮތުގައި ހިއްކި ބިމުން ބިން ދޫކުރުން ފަދަ ކަންކަން މި އަހަރުގެ ފަހުކޮޅު ފެށިގެން ދާނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބިން ހިއްކުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނިންމައި ލެވޭނެ އެވެ.