Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

ރޭވިފައިވާ އެއްވެސް މަޝްރޫއެއް ހުއްޓިގެން ނުވާނެ: ރައީސް

ކުރިއަށް އޮތީ ރިޔާސީ އިންތިޚާބުގެ ވާދަވެރި ދުވަސްވަރު ކަމަށް ވިޔަސް، ރަށްރަށުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށާއި، ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކަށް، މި ދުވަސްވަރުގެ ތެރޭގައި އެއްވެސް ކަހަލަ ހުއްޓުމެއް އަންނަ ގޮތަށް ނުވަތަ ހުރަހެއް އެޅޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމުގައި ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު ށ. ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބިލެތްފައްސަށް ވަޑައިގެން، ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަމުގައި ރަށްރަށުގެ ރައްޔިތުންނާއި އަދި ރައްޔިތުންނަށް މަގު ދައްކަވަން ތިއްބެވި އިސްވެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެ އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް، ރައްޔިތުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަން ހިތާމަ އާ އެކު ފާހަގަކުރެއްވިއެވެ. ރަނގަޅު މަޤްޞަދެއްގައި، ވާދަވެރި މާޙައުލެއް އުފައްދައި، ތަރައްޤީއާ އެކީގައި ވެރިކަން ހިންގުމަށްޓަކައި، ސިޔާސީ ނިޒާމް ބަދަލު ކުރަމުން ދިޔަ ދިޔުމުގައި، ރަށްރަށުގެ ރައްޔިތުންގެ މެދުގައި މިވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައި ކަމަށް ވިދާޅު ވިއެވެ.

އެކަމުގެ އަސަރުތައް އަދިވެސް ކުދިކުދި އާބާދީން ފެންނަމުން އެބަދާ ކަމަށާއި، އަދި ބޮޑެތި އާބާދީތަކުގައި އެކަން މާބޮޑު ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ، ތަފާތުތައް ކުޑަކޮށް، އެހެން ކަންކަމަށް އިސްކަން ދީގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.