Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

"ބެލެނިވެރިންނަށް، ކުދިން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅި އާއި ހުނަރުތައް އުނގަންނައި ދޭން ޖެހޭ"

މުސްތަޤްބަލުގައި ރާއްޖޭގައި ވެސް ބެލެނިވެރިންނަށް ކުދިން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅި އާއި އެކަމުގެ ހުނަރުތައް އުނގަންނައި ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫ ސްކޫލްގެ 10 ކްލާސް ރޫމާއި، މަލްޓި ޕަޕަސް ހޯލްގެ ބިންގާ، ރޭ އަޅުއްވައިދެއްވުމަށް ފަހު ދައްކަވަމުން ރައީސް ވިދާޅުވީ މި ޒަމާނުގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ބެލެނިވެރިންނަށް ވެސް ކުދިން ތަރުބިއްޔަތު ކުރުމުގެ ތަޢުލީމު ދެމުން ގެންދާކަން ކަމަށެވެ. އަދި ރާއްޖޭގައި ވެސް ނުރަސްމީ ގަޑިތަކުގައި ސްކޫލްތަކުގައި މިފަދަ ކަންކަން ހިންގުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ދަރިންގެ މުސްތަޤްބަލް ބިނާވެފައި އޮތީ، އެ ދަރިންނަށް ދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއްގެ މައްޗަށް ކަމަށާއި، އެ ދަރިންގައި ހުރި އަޚްލާޤެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
އަދި އެކުދިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސް ބައްލަވާލެއްވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ދަރިވަރެއްގެވެސް އަދި ކޮންމެ ކުއްޖެއްގެވެސް އެންމެ ފުރަތަމަ މުދައްރިސަކީ އަދި މުދައްރިސާއަކީ، އެ ކުއްޖެއްގެ މަންމަ އާއި ބައްޕަ ކަމުގައި ރައީސް ވިދާޅުވި އެވެ.

ކުއްޖާ ދުނިޔެ އަށް އުފަންވުމާ އެކީގައި، އެ ކުއްޖާ އަށް ތަފާތު ކަންކަން ދަސްކޮށް ދެނީ، މައިންބަފައިން ކަމަށާއި، އެގޮތުން އެންމެ ތުއްތުއިރު ނަސަރީއަށް ދިޔުމުގެ ކުރިންވެސް އެ ކުދިންނަށް ތަޢުލީމުގެ ބިންގާ އަޅައި ދިނުމުގެ މަސްއޫލިއްޔަތު އެޅިފައި ވަނީ، މައިންބަފައިންގެ ކިބައިގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ކުދިންނަށް ގިނަ ކަންކަމުގެ އިޙްސާސާއި ޙަރަކާތްތެރިކަން ޅަފަތުގައި ލިބުނު ވަރަކުން އެ ކުދިންނަށް މަދްރަސީ ތަޢުލީމު ހޯދުމަށް ވެސް ފަސޭހަވެގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ޢިމާރާތެއް ކުރެވުމަކުން، ތަޢުލީމާއި ތަރުބިއްޔަތެއް ނުދެވޭނެ ކަމަށާއި، ތަޢުލީމާއި ތަރުބިއްޔަތު ދެވޭނީ، އެ ތަނެއްގައި ރަނގަޅު ޕްރޮގްރާމްތަކެއް ހިންގިގެން، ރަނގަޅު މަންހަޖެއް އޮވެގެން އަދި އެ މަންހަޖަށް ކިޔަވައި ދެވޭ ވަރުގެ ޤާބިލް ޓީޗަރުން ތިބެގެން ކަމަށް ވިދާޅުވި އެވެ. އަދި ކިޔަވައި ދިނުމުގެ ރަނގަޅު މަންހަޖެއް އޮވެ، އެ ތަންފީޛު ވެގެންދާ އިރު، މުދައްރިސުންގެ ފެންވަރު ނެތް ކަމަށްވާ ނަމަ، އެ ގެނެވުނު ބަދަލުގެ މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުނަދޫ ސްކޫލްގެ 10 ކްލާސްރޫމްގެ އާ ޢިމާރާތާއި، މަލްޓި ޕަޕަސް ހޯލްގެ ބިންގާ އަޅުއްވައި ދެއްވުމަކީ، އެ މަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ.
އަދި ސްކޫލެއްގެ ކާމިޔާބީއަކީ، އެ ސްކޫލަކުން ނުކުންނަ ދަރިވަރުންގެ ފެންވަރާއި، ދަރިވަރުންގެ އަޚްލާޤާއި، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތު ރަނގަޅުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުނަދޫ ސްކޫލްގެ ކިޔެވުމުގެ ފެންވަރު، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އަދި މިހާތަނަށް އޯ ލެވެލް އިމްތިޙާނުގައި، އެ ސްކޫލުން ދެއްކި އެންމެ ރަނގަޅު ނަތީޖާ، މި އަހަރު ފެނިގެން ހިނގައްޖެ ކަމުގައި ރައީސް ވިދާޅުވެ، އެ ސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި، ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވި އެވެ.