Last Updated: May 10, 06:02
Friday, May 10, 2024
ޚަބަރު

އެމްޕީއެލް ފޭދޫ އޮފީހުން ވައްކަން ކުރި މައްސަލަ ޕޮލިހަށް

އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ފޭދޫގައި ގާއިމުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާ އާއި ލޯންޗެއްގެ އިންޖީނެއް ގެއްލުނު މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އޮފީހުން ފައިސާ ވަގަށް ނަގާފައިވާކަން ފަޅާ އެރީ އެތަން އޮޑިޓް ކުރުމުގެ ތެރޭގަ އެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާކަން ފުލުހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮފީސް އޮޑިޓް ކުރި އިރު އެތަނުން 460،000ރ. ގެއްލިފައިވާ ކަމަށްވެ އެވެ. އަދި އައްޑު އާއި ފުވައްމުލަކާ ދޭތެރޭ ދަތުރު ކުރަން ބޭނުން ކުރާ ލޯންޗެއްގެ އިންޖީނު ވެސް ގެއްލިފައިވާ ކަމަށްވެ އެވެ.

ވައްކަމުގެ މައްސަލައިގެ ތުހުމަތު ކުރެވެެނީ ޕީޕީއެމް ފޭދޫގެ އިސް އެކްޓިވިސްޓަކަށެވެ. އެ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ މުވައްޒަފު އޮފީހަށް ވެސް ނުނިކުމެ މިހާރު ފިލައިގެން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.