Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

ބޮންޑާ ވެސް ޖޭޕީ އަށް "ވައްދާފައި"

ބޮންޑާ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބޭެއްވި ފެސްޓިވަލެއްގެ ތެރޭގައި. ފޮޓޯ/ އައްޑު ލައިވް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް "ތަރައްގީ ގައިމު" ގެ ނަމުގައި ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު އެ ޕާޓީ އަށް ސޮއި ނުކުރާ ބަޔަކު ޕާޓީގެ ދަފުތަރުގައި ތިބި މައްސަލައެއް ފެންމަތިވެފައިވެ، އައްޑު އަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ޖުމްހޫރީ ޕާޓީގެ ދަފުތަރުގައި ހިމެނޭ ކަމަށް "އައްޑޫ ލައިވް" އަށް ކަށަވަރުވެއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން ބޮންޑާގެ ބަހެެއްް ހޯދުމަށް ގުޅުމުން ފޯން ނުނަގާތީ އޭނާގެ ބަހެެއް ލިބޭ ގޮތެއް ނުވި އެވެ.

އެހެން ނަމަވެސް ބޮންޑާގެ ގާތް މީހަކު މިއަދު ބުނީ އޭނާ ޖޭޕީ އަށް ސޮއިކޮށްފައިވާ ކަމަށް ދައްކާ އިރު މިހާތަނަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ފިޔަވައި އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާތަނަށް ބޮންޑާ ސޮއިކޮށްފައި ނުވާ ކަމަށެވެ.
ޑރ. މުހައްމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން އުފެއްދެވި އެމްއާރްއެމް އަށް ބޮންޑާ ސޮއި ކުރީ އެ ޕާޓީ އުފައްދަން އުޅުނު އިރު ކަމަށް އޭނާގެ އެކުވެރިޔާ "އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދައްކަމުން ބުންޏެވެ.

"އެހެން ނަމަވެސް އެ ޕާޓީން ވެސް ވަކިވާން ބޮންޑާ އޮތީ ހުށަހަޅާފައި. އެހެން އޮއްވައި ޖޭޕީ އަށް އޭނާ ސޮއިކޮށްފައިވާ ކަމަށް މިހާރު އެނގިފައި މި ވަނީ. މިއީ އޮޅުވާލައިގެން ހިންގަމުން އަންނަ ބޮޑު ޖަރީމާއެއް،" އޭނާ ބުންޏެވެ. "މީސް މީހުންނަށް ނޭނގި ކޮންވެސް ގޮތަކުން އައިޑީ ކާޑްގެ ކޮޕީ ހަދައިގެ މިކަން މި ކުރަނީ."

ބޮންޑާ އާ އެކު އޭނާގެ ރައްޓެހިންތަކެއް ވެސް ޖޭޕީ އަށް ވަނީ "ވައްދާފަ" އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ކާކީގޭ ހުސައިން އައްސަދު އާއި ނައީމީ މަންޒިލް ހަސަން ނައީމް ވެސް ހިމެނެ އެވެ.

ރޭ ޖޭޕީން ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ހިތަދޫ ހުސައިން ސޯލިހް ވަނީ އެ ރަށުން ޖޭޕީ އާ ގުޅުނު ކަމަށް ބުނާ 500 މީހުންގެ ފޯމް ވެސް އެ ޕާޓީ އާ ހަވާލުކޮށްފަ އެވެ.

ޖޭޕީގެ ނައިބު ރައީސް އަމީން އިބްރާހީމް އެހެން މީޑިއާއަކަށް ދެެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރޭގެ ޖަލްސާގައި ސޮއި ކުރި ކަމަށް އިއުލާން ކުރެއްވީ ޔަގީންކަން ލިބިފައިވާ ލިސްޓެއް ކަމަށާއި އިތުރު އެއްޗެއް ވިދާޅުވެވޭނީ ކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް ފަހު ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެ ޕާޓީ އަށް ސޮއިކޮށްފައިވާ އަދި ސޮއިކުރަން އެއްބަސްވެފައިވާ ފާހަގަކޮށްލެވޭ ވަރަށް ގިނަ ފަރާތްތަކުގެ ނަންތައް ރޭގެ ޖަލްސާގައި އިއުލާނު ނުކުރެވި ވެސް ވާ ކަމަށެވެ.