Last Updated: May 9, 14:09
Friday, May 9, 2025
ވިޔަފާރި

"އެއާ އޭޝިއާ" ގެ ދަތުރުތައް އައްޑު އަށް!

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓަށް ބޮއިން 777 މަރުކާގެ ބޯޓުތައް ޖެއްސޭނެ ކަމަށާއި އެއާ އޭޝިއާގެ ދަތުރުތައް ގަމަށް ފެށުމަށް ދައުވަތު ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރް ވިދާޅުވެއްޖެ އެވެެ.

"އެއާ އޭޝިއާ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ފެށުމުގެ ދައުވަތު އެ ފަރާތަށް ދެވޭކަމީ ލިބޭ ޝަރަފެއް،" އެއާ އޭޝިއާގެ، ރާއްޖޭގެ ޓްރެވަލް އެންޑް ސާވިސް ސެންޓަރު ހުޅުވަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މެލޭޝިއާގެ އެއާ އޭޝިއާ އިން ބުނީ އެ އެއާލައިނުން ވެސް ގަމަށް ދަތުރުތައް ފެށުމާ މެދު ވިސްނަމުންދާ ކަމަށެވެ.

އެއާ އޭޝިއާ އެއާލައިން ހިންގާ ކުންފުނި، އެއާ އޭޝިއާ ބަރްހާދްގެ އިސް އޮފިޝަލަކު ރާއްޖެ އަށް މިހާރު ކުރައްވާ ދަތުރުގައި ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނެޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަކީ އޭނާ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު އެއްބައި ކަމަށެވެ.

އޭނާ ވިދާޅުވީ ދަތުރުތައް ފެށުމުގެ ކުރިން ގަން އެއާޕޯޓާއި އެތަނުގެ ވަށައިގެންވާ މާހައުލާއި އެހެނިހެން ކަންކަން ރިވިއު ކުރާނެ ކަމަށެވެ.

އެއާ އޭޝިއާ ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ އެއާލައިނުން ރާއްޖެ އަށް ހަފުތާގެ ތިން ދުވަހު ފްލައިޓުތައް ބާއްވަ އެވެ.