ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރީނާ ކަޕޫރާއި "ސީރިއަލް ކިސާ" ގެ ނަމުން މަޝްހޫރުވެފައިވާ އިމްރާން ހާޝިމީ ފުރަތަމަ ފަހަރަށް ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
އަދި ވަކި ނަމެެއް ހަމަޖެހިފައި ނުވާ ފިލްމަކީ އެކްތާ ކަޕޫރުގެ ބަލާޖީ މޯޝަން ފިކްޗާޒް އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ލޯބީގެ ފިލްމެކެވެ. މިއީ ބޮލީވުޑްގެ ވަރުގަދަ އޭ ލިސްޓް ތަރިއަކާ އެކު އިމްރާން ކުޅޭ ފުރަތަމަ ފިލްމް ވެސް މެ އެވެ. އޭނާ މީގެ ކުރިން ގިނަ ފިލްމްތައް ކުޅެފައި ވަނީ މުޅިން ވެސް އާ ބަތަލާއިންނާ އެކުގަ އެވެ. ވިދިޔާ ބާލަން އާ އެކު "ޑާޓީ ޕިކްޗަ" ފިޔަވަ އެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގަައި ޝޫޓިން ފަށާ މި ފިލްމްގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ އަކްޝޭ ރޯއި އެވެ.
މި ފިލްމާ ބެހޭ ގޮތުން ބަލާޖީގެ އެކްއިޒިޝަން އަދި ޑިސްޓްރިބިއުޝަން ގިރިޝް ޖޯހަރު މިއަދުކޮށްފައިވާ ޓްވީޓްގައި އޭނާ ވަނީ ފިލްމްގެ ތަރިންނަށް ކަރީނާ އާއި އިމްރާން ހަމަޖެހުނުކަން ކަށަވަރުކޮށް ދީފަ އެވެ. އޭނާ އަދި ބުނީ މި ފިލްމްގައި އިތުރު ބަތަލާ އެކު ވެސް ހިމެނޭނެ ކަމަށެވެ.
"ފިލްމްގައި ދެން ހިމެނޭ ބަތަލާ އާއި ފިލްމްގެ ނަން ވަރަށް އަވަހަށް އާންމު ކުރާނެ" ގިރިޝްގެ ޓްވީޓްގައިވެ އެވެ.
ކަރީނާ މިހާރު އަންނަނީ ކަރަން ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރާ ޑައިރެކްޓް ކުރާ "ގޯރީ ތެރޭ ޕިޔާރް މޭ" އަށް ތައްޔާރުވަމުންނެވެ. މި ފިލްމްގައި ކަރީނާ ފެނިގެން ދާނީ އިމްރާހް ހާނާ އެކު އެވެ. މިއީ އެ ދެ މީހުން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.