ރަނާ ބެހޭ ގޮތުން ދަންނަ އެވެ. ފަހެ އެއްވެސް ޙާލެއްގައި ފިރިހެނުންނަށް ރަން އެޅުން ހުއްދެ ވެގެނެއް ނުވެ އެވެ. ސަބަބަކީ ކީރިތި ރަސޫލާ ވަނީ މި އުއްމަތުގެ ހުރިހާ ފިރިހެނުންގެ މައްޗަށް ރަން އެޅުން ޙަރާމް ކުރައްވާފަ އެވެ. ދަލީލެއްގެ ގޮތުގައި ގެނެސް ދެމެވެ.
ފިރިހެނަކު ރަން އަނގޮޓި އެއް އަޅައިގެން ހުރިތަން ކީރިތި ރަސޫލާއަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެ އަނގޮޓި ނަންގަވައި ޙަދީޘް ކުރެއްވިއެވެ.
"އަނގުރު އަލިފާންގަނޑެއް ނަގައި އަތަށް ލައިގެން ހުންނާނީ ތިޔައިގެ ތެރެއިން ފަހެ ކާކުތޯއެވެ؟" (މުސްލިމް)
އެހެންކަމުން ފިރިހެނުންނަށް ރަން އެޅުން ހުއްދަވެގެނެއް ނުވެއެވެ. ހަމަ މިއާއިއެކު ދަންނައެވެ. ރަން ފިޔަވައި ދަގަނޑުގެ އެންމެހާ ބާވަތްތަކުން ހަދާފައިވާ އަގު ބޮޑު ގަހަނާ (ރިއްސާއި އެކު)، އެޅުން މި އުއްމަތުގެ ފިރިހެނުންގެ މައްޗަށް ހުއްދަވެގެން ވެއެވެ.
ކައިވެނި ޙަފްލާތުގައްޔާއި އަދި ކައިވެނި ކުރުމަށް އަހްދުވާއިރު އެ އަހުދުގައި (އެންގޭޖްވާ އިރު) އެޅޭ އަނގޮޓިތަކާއިމެދު ދަންނައެވެ. އެއީ މުސްލިމުންގެ އާދަކާދަތަކާއި ބީރަށްޓެހި ކަމެކެވެ. އަދި ކިއެއްތޯއެވެ؟ އެ އަނގޮޓީގެ ސަބަބުން ކައިވެނީގެ ގުޅުން ވަރުގަދަވުމާއި އަދި އެ ނަގައިފިނަމަ ކައިވެނި އަބާއްޖަވެރި ވެދާނެކަމަށް ހީކުރުމީ ޝިރުކެވެ. އެހެނީ އެއީ ޖާހިލުންގެ ޢަޤީދާއެވެ. ބަޔާންވެދިޔަ ކަންކަމަށް އަލި އަޅުވައި އެންގޭޖްމެންޓް އަނގޮޓި އެޅުން މުސްލިމުންނަށް ހުއްދަވެގެނެއް ނުވެއެވެ.
ފުރަތަމައީ: މި ކަމުގެ ސަބަބުން ބާޠިލް ޢަޤީދާގެ އަހުލުންނާއި އެއްގޮތް ވުމެވެ. އެހެނީ މި ކަމަކީ ޣައިރު މުސްލިމުންގެ ފަރާތުން މުސްލިމުންނާއި ހަމައަށް އައިސްފައިވާ އާދައެކެވެ.
ދެވަނައީ: މިކަމުގެ ސަބަބުން ކައިވެންޏަށް އެއްވެސް އަޘަރެއް ކޮށްފާނެކަމަށް ޤަބޫލު ކުރުމެވެ. މިގޮތަށް ޤަބޫލު ކުރުމީ ޝިރުކެވެ.
އެންގޭޖްމެންޓް އަނގޮޓިއާއި ބެހޭގޮތުން ޝެއިޚް އުޘައިމީން (ރަޙިމަހުﷲ) އާއި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.
" އެންގޭޖްމެންޓް އަނގޮޓިއަކީ އަނގޮޓީގެ ވައްތަރުތަކުގެ ތެރެއިން ވަތަރެކެވެ. ޔަޢުނީ އެއީވެސް އަނގޮޓިއެކެވެ. އޭގައި އެއްވެސް ނުބައެއްނުވެއެވެ. އެހެނަސް ބައެއް ފިރިހެނުން އެމީހުންގެ ނަން އަނގޮޓީގައި ކަނޑާނަގައި އަދި ހަމަ އެގޮތަށް އަންހެނުންވެސް އެމީހުންގެ ނަން އަނގޮޓީގައި ކަނޑާނަގައި ބައިވެރިޔާގެ އިނގިލީގައި އެ އަނގޮޓި އަޅުވައެވެ. މިގޮތަށް ކަންތައް ކުރުމުން އެ ދެވެރީންގެ ލޯބީގެ ގުޅުން ބަދަހިވެ ވަރުގަދަވެގެން ދާނޭ ކަމަށް ޤަބޫލު ކުރެވެއެވެ. އަނގޮޓީގެ ސަބަބުން މި ގޮތަށް ޢަޤީދާ ފުށުއަރާނަމަ ދަންނައެ، އެއީ ޙާރާމް ކަމެކެވެ. އެހެނީ އެއީ އިސްލާމްދީނުގެ ޢަޤީދާއާއި ފުށުއަރާ ކަމެކެވެ. އަދި ހަމަ އެހެންމެ އެއީ އެއްވެސް މާނައެއް ނެތް އަދި އިސްލާމްދީނާ އެއްވެސް ގުޅުމެއްނެތް ކަމެއްވެސްމެއެވެ. އަދި އެންގޭޖްމެންޓް އަނގޮޓިއާއި ބެހޭގޮތުން ދަންނައެ، ކައިވެނީގެ ކުރީން އަންހެން މީހާގެ އަތުގައި ފިރިހެންމީހާ އަނގޮޓި އަޅައިދިނުން ހުއްދަވެގެން ނުވެއެވެ. އެހެނީ ކައިވެނީގެ ކުރީން އަންހެން މީހާ ވާނީ ހިލޭ އަންހެނުންގެ ތެރެއިންނެވެ. އެހެނީ ކައިވެނީގެ ޢަޤުދުގެ ކުރީން އަންހެން މީހާ އަކީ ފިރިހެން މީހާގެ އަންބެއްކަމުގައި ނުބެލެވޭނެއެވެ. "
——————————————————————————
ނޯޓް: މިއީ އިސްލާމް ކިއު އެންޑް އޭ ގައި އެންގޭޖްމެންޓް އަނގޮޓިއާއި ބެހޭގޮތުން ޝޭޚް މުޙައްމަދު އަލް މުނައްޖިދު ދެއްވާފައިވާ ފަތުވާގެ ދިވެހި ތަރުޖަމާއެކެވެ.