Last Updated: April 30, 19:33
Tuesday, April 30, 2024
ކޮލަމް

2013ގެ ރިޔާސީ އިންތިޚާބަށް އަވަސް ކަޅިއެއް

މިއަދު އަޅުގަޑުމެން މިދެކޭ ސިޔާސީ އޮއިވަރަކީ ވަރަށްވެސް ޙާއިރާން ކުރުވަނިވި އެއްޗެކޭ ދެންނެވުމަކީ ކުށަކަށްނުވާނެއެވެ. އަދި މިޒަމާނުގެ ސިޔާސީ ލީޑަރުން ކުޅުއްވާ ގޭމްތަކަކީ އެ ކަންކަން ވިސްނައި، ދެނެގަންނަން އެހާ ފަސޭހަކަންކަމެއްނޫނެވެ.

ސިޔާސީލީޑަރުން ކުޅިއެއް ކުޅުއްވާ ކޮންމެ ފަހަރަކު ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ ރައުޔުތައް ތަފާތު ގޮތްގޮތަށް ހާމަކުރަމުންގެންދެއެވެ. ލީޑަރުންގެ ހިތްފުޅުގައި ފޮރުވިފައިވާ ޕްލޭންތައް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމުގެ ބޭނުމުގައެވެ. ކުރިއަށްއޮތް ދުވަސްތަކަކީ އަޅުގަޑުމެންގެ ސިޔާސީ މަސްރަހުގެ ޓެމްޕަރޭޗަރ ވަރަށްބޮޑަށް މައްޗަށް ދާނެ ދުވަސްތަކެއްކަމާމެދު ޝައްކެތްނެތެވެ. ތަފާތު ވިސްނުމުގެ މީހުން ތަފާތު ޚިޔާލުތައް ފާޅުކުރާނެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު ރައްޔިތުންގެ ވިސްނުން ވަނީ ތިން ބަޔަކަށް ބެހިފައެވެ. ފުރަތަމަ ދެވިސްނުމަކީ އެމްޑީޕީއާއި ޕީޕީއެމްގެ ވިސްނުމެވެ. ނަޝީދު އާއި މައުމޫނުގެ ވިސްނުމެވެ. މެންބަރުންގެ އަދަދަށް ބަލާއިރު މިދެޕާޓީއަކީ މެންބަރުގެއަދަދު އެންމެ ގިނަ ދެޕާޓީ ކަމާއިމެދު ދެބަސްވާނެ ޖާގައެއްނެތެވެ.

އެދެޕާޓީން ދެ ކެންޑިޑޭޓުން ނެރޭނެއެވެ. އެދެ ޕާޓީން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ފަހަތަށް ދިޔުމަކީ ބޮއްކުރާ ކާރިއަށް އޮޑި ދިޔުންކަހަލަކަމެކެވެ. އެހެންކަމުން އެއީ އެދެ ޕާޓީން ކުރާނެކަމެއްނޫނެވެ. ދެބައި މީހުންވެސް ބޭނުންވާނީ ދެންހުރި ޕާޓީތައް އެމީހުންގެ ފަހަތަށް އައުމަށެވެ.

ނުވަތަ އެ ދެޕާޓީއަށް ވަނުމަށެވެ. އެމްޑީޕީއާއި އެކު އެހެން ޕާޓީއެއް އިއްތިހާދު ވުމަކީ ވުމަށްވުރެ ނުވުން ކާރިކަމެކެވެ. އެހެންކަމުން އެޕާޓީ ނުކުންނާނީ އެކަންޏެވެ. ބޮޑު ދެޕާޓީއަށް ކާމިޔާބުވުން ބިނާ ވެފައިވަނީ މި ދެޕާޓީން ނެރޭ ކެންޑިޑޭޓުންގެ މައްޗަށެވެ. ނެރޭނީ ކޮންކެންޑިޑޭޓުން ތަކެއްކަން އަދިމުޅިން ޔަގީނެއްނޫނެވެ. ކުރިން ރައީސުކަން ކުރެއްވި ދެރައީސުންނަށް ރައީސުކަމަށް ކުރިމަތިލެއްވިދާނެތޯ؟ މިއީ އަދި ޖަވާބުލިބިފައިނުވާ ސުވާލެކެވެ.

ރައްޔިތުންގެ ވިސްނުން ބެހިފައިވާ ގޮތަށް ބަލާއިރު ތިންވަނަ ބަޔަކީ އެމްޑީޕީ އާއި ޕީޕީއެމަށް ތާއީދު ނުކުރާ ރައްޔިތުންނެވެ. މައުމޫނާއި ނަޝީދު ވެރިކަމަށް އައުމަށް ބޭނުންނުވާ މީހުންނެވެ. އަޣުލަބިއްޔަތު އޮތީމިފަޅީގައި ކަމާމެދު ޝައްކެއްނެތެވެ. އެހެނަސް މިގްރޫޕް ވަނީ ކުދިޕާޓީތަކަށާއި، ވަކިޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ މައްޗަށް ބެހިފައެވެ. މީގެތެރޭގައި ހިމެނޭ ބައެއްޕާޓީތަކަކީ އަމިއްލަ ކެންޑީޑޭޓުން ނެރޭނެކަމަށް އިއުލާންކުރައްވާފައިވާ ޕާޓީތަކެވެ. މިޕާޓީތަކުން ކެންޑީޑޭޓުން ނުކުމެއްޖެނަމަ އޭގެ ފައިދާކުރާނީ ބޮޑު ދެޕާޓީއަށެވެ.

އެހެންކަމުން މިގްރޫޕްގައި ހިމެނޭ ފަރާތްތަކަށް ކާމިޔާބުއޮތީ އެއްކެންޑީޑޭޓެއްގެ ފަހަތަށް އެންމެން އައުމެވެ. މިކަމަށް މިގްރޫޕްގައި އެންމެ ގާބިލު އެއްބޭފުޅަކީ މިހާރުގެ ރައީސު ޑރ.މުހައްމަދު ވަހީދު ހަސަންމަނިކުއެވެ. ރައީސު ޑރ.ވަހީދަކީ ތަފާތު ވިސްނުމުގެ މީހުން ގޮވައިގެން ވެރިކަން ކުރެއްވިދާނެ ބޭފުޅެއްކަން ފައިތުވި 11 މަސްދުވަސްތެރޭ އެމަނިކުފާނުވަނީ ސާބިތު ކޮށްދެއްވާފައެވެ. އެގޮތުން ކުރިއަށްއޮތް އިންތިޚާބުގައި ޕީޕީއެމް އާއި އެމްޑީޕީ ފިޔަވައި ދެންހުރި ޕާޓީތަށް އެއްގަލަކަށް އަރުވައިގެން ރިޔާސީ ރޭހަށް އެމަނިކުފާނު އަމިއްލައަށް ނުކުންނެވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ބޭނުންވަނީ މިކަން ކުރާނެ ފޯމިއުލާރ އެކެވެ.އެންމެންގެ މަޝްވަރާގެ ތެރެއިން އެފަދަ ފޯމިއުލާރއެއް ނެރެވެން ޖެހޭނެއެވެ. އަމިއްލަ މަސްލަޙަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްގެންނެވެ. ގައުމަށް އަބަދުވެސް ބޭނުންވަނީ ކަމަށްގާބިލު، އިޚުލާސްތެރި، ދުރުވިސްނޭ ލީޑަރުންނެވެ. ރައީސުޑރ.ވަހީދުގެ ރަނިންމޭޓަކަށް ޑރ.ހަސަން ސައީދު ހުންނަވައިގެން ކުރިންދެންނެވުނު ފަދައިއްތިހާދަކުން ނުކުމެއްޖެނަމަ ފުރަތަމަ ބުރުން ކާމިޔާބު ކުރުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ ،އެބަހުސަކަށް ދައްކާކަށް އަޅުގަޑު ނެތީމެވެ. އެކަންދުކޮށްލާނީ ކޯނީގެ ރިޕޯޓަށާއި އެރިޕޯޓް ދިރާސާ ކުރާފަރާތްތަކަށެވެ. އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަތުމަށް ނިންމަވާނީ ވަރަށް ގިނަ ދިރާސާތަކެއް ކުރެއްވުމަށްފަހުގައި ކަމާމެދު ޝައްކެތްނެތެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުވެސް މެއެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވިހުންނެވުމަކީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް އެބޭފުޅާއަށް ލިބިވަޑައިގެންފައިވާ ރަނުގެ ފުރުސަތެކެވެ.

މިފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރައްވައިގެން ރައްޔިތުންގެ ބޭނުންތަށް ފުއްދައިދޭން ޖެހެއެވެ.މިކަންތައްތައް ރައީސުޑރ.ވަހީދަށް ކުރެވިއްޖެނަމަ ރައްޔިތުންގެ ފުރިހަމަތާއީދު އެމަނިކުފާނަށް ލިބޭކަން ކަށަވަރެވެ. ވަޒީފާގެ ފުރުސަތުތައް އުފައްދަންޖެހެއެވެ. ރަގަޅު ސިއްހީ ނިޒާމެއް ގާއިމު ކުރެވެންޖެހެއެވެ. މުޖުތަމަޢުގައި ކުށްކުރުން ހުއްޓުވެންޖެހެއެވެ.ޚާއްސަކޮށް އަތޮޅުތަކުގެ ރައްޔިތުންނަށެވެ. ގަންއެއާރޕޯޓް އިންޓަރނޭޝަނަލް އެއާރޕޯޓެއްގެ ގޮތުގައި އޮޕްރޭޓް ވާންޖެހެއެވެ. އައްޑޫ ރައްޔިތުންގެ ވިންދު ގުޅިފައިވަނީ ގަން އެއާރޕޯޓަރ އެވެ.

ވަގުތު ފާއިތުވުމުގެ ކުރިންނެވެ. ޕީޕީއެމް އާއި އެމްޑީޕީން އެރަނުގެ ފުރުސަތުގެ ބޭނުން، ރައީސު ޑރ.ވަހީދަށް ނުކުރެއްވޭނެ ހުރިހައި ހުރަހެއް ކުރިމަތިކުރާނެއެވެ. އަދި މިހާރުވެސް ދަނީ ކުރަމުންނެވެ. މަޖިލިހުން ފާސްކުރި ޕާޓީތަކުގެ ބިލުގައި ދިހަހާސް މީހުން އޮތުމަށް ފާސްކުރުން، މިއަހަރުގެ ބަޖެޓް 16.9 ބިލިޔަން ރުފިޔާއިން15.3 ބިލިޔަނަށް ކުޑަކުރުން، އެމަނިކުފާނުންގެ އިތުބާރުނެތްކަމަށް މަޖިލިހަށް ވެއްދުން މިކަންތައްތަކަކީ ބޮޑު ދެޕާޓީގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ ކަންތައްތަކެވެ. ދިވެހި ރައްޔިތުންވަނީ ކުރީގެ ދެރައީސުންގެ ވެރިކަން ވަރަށް ރަގަޅަށް ތަޖުރިބާ ކޮށްފައެވެ.

ރައްޔިތުންނަށް ލިބިފައިވަނީ މާޔޫސްކަމެވެ. ރައްޔިތުން މިތަޖުރިބާ އިޢާދަކުރާކަށެއް ބޭނުމެއް ނޫނެވެ. ރައްޔިތުންވަނީ ރައީސު ޑރ.ވަހީދުގެ 11 މަސްދުވަހުގެ ތަޖުރިބާ ވެސްކޮށްފައެވެ. އުޑާ ބިމާހާ ތަފާތެވެ. ކުރީގެ ދެރައީސުންނާއި މިހާރުގެ ރައީސުޑރ.ވަހީދާ އަޅާ ކިޔާއިރު ރައީސު ޑރ.ވަހީދު ހާސްބައި ރަގަޅެވެ.