Last Updated: May 19, 11:30
Sunday, May 19, 2024
ޚަބަރު

އައްޑޫގެ ފްލެޓްތަކަށް ފުރުސަތު ހުޅުވާލައިފި

ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭ ގޮތަށް އައްޑޫގައި މިހާރު އިމާރާތް ކުރަމުން އަންްނަ ބައެއް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މި ފަހަރު ފުރުސަތު ހުޅުވާލީ ހިތަދޫގައި އަޅާ 264 ފްލެޓްގެ ތެރެއިބް 230 ފްލެޓަށާއި ހުޅުމީދޫގައި އަޅާ 48 ފްލެޓްގެ ތެރެއިން 38 ފްލެޓަށް ކަމަށެވެ.

ހިތަދޫން ދޫކުރާ 230 ފްލެޓް ހާއްސަކޮށްފައި ވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށެވެ.

ފްލެޓްތަކަށް އެދޭ ފޯމް މި މަހުގެ ފަސް ވަނަ ދުވަހު ހައުސިން މިނިސްޓްރީގެ ފޭދޫ ސެކްޝަނުންނާއި ހުޅުމީދޫ ސެކްޝަނުން ދޫކުރަން ފަށާނެ އެވެ. ފޯމް ހުށަހަޅަން ޖެހެނީ ޖުލައި މަހުގެ 10 ގަ އެވެ.

ފްލެޓްތަކަށް މަހަކު ދައްކަން ޖެހެނީ 3،000ރ. އެވެ. އެއީ 25 އަހަރުގެ ތެރޭގައި ފްލެޓް ހަލާސް ކުރެވޭ ގޮތަށެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ ހިތަދޫގައި ބާކީ ހުރި 34 ފްލެޓާއި ހުޅުދޫގައި ބާކީ ހުރި 10 ފްލެޓް ދޫކުރާނީ ރިއަލް ސްޓޭޓް އުސޫލުން ކަމަށެވެ.

ފްލެޓްތަކުގެ ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލި އިރު، އަންނަ އޮގަސްޓަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައިސިން މިނިސްޓްރީން ބުންޏެވެ. އަދި ފްލެޓްތަކަށް ހޮވޭ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭނެ އެވެ.

ފްލެޓްތައް ދޫކުރާ އުސޫލުތައް ވެސް މިހާރު ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެެ.