Last Updated: May 10, 19:45
Friday, May 10, 2024
ޚަބަރު

ފައިސާ ގެއްލުނު މައްސަލާގައި އައްދު ހައްޔަރުކޮށްފި

ފޭދޫގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުނު މައްސަލާގައި އެ އޮފީހުގެ އެޑްމިން އެންޑް ފައިނޭންސް މެނޭޖަރަކަށް ހުރި އަބްދުﷲ ރަޝީދު (ބުލްބުލް އައްދު) ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މަހުގެ ކުރީކޮޅު ހިނގި މި ހާދިސާ އާ ގުޅިގެން ފުލުހުން އައްދު ހައްޔަރުކޮށްފައި ވަނީ އެމްޕީއެލުން ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށް، މައްސަލަ ތަހުގީގު ކުރިއަށް ގެންދާތާ ދުވަސްތަކެއް ފަހުންނެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ޕީޕީއެމްގެ ފޭދޫ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ އައްދު ހައްޔަރު ކުރީ އިއްޔެ ރޭގެ ވަގުތެއްގަަ އެވެ.

އެމްޕީއެލް ފޭދޫ އޮފީހުން 460،000ރ. އާއި ލޯންޗެއްގެ އިންޖީނު ވަގަށް ނެގި މައްސަލަ ފެންމަތިވީ އޮފީސް އޮޑިޓް ކުރުމުގެ ތެރޭގަ އެވެ.

މިކަން ފަޅާ އެރުމާ އެކު އައްދު އޮފީހަށް ނުކުތުން ހުއްޓާލައި، އޭނާ އުޅުނީ ފިލައިގެން ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ އެމްޕީއެލުން ފޭދޫ އޮފީހުން ވައްކަން ކުރި މައްސަލަ ތަހުގީގު ކުރަމުންދާތީ، އެކަމާ ބެހޭ ތަފުސީލެއް އަދި ދެވެން ނެތް ކަމަށެވެ.

އެމްޕީއެލް ފޭދޫ އޮފީހަކީ އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ހާއްސަކޮށްގެން ހުޅުވި އޮފީހެކެވެ.