Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

މަރަދޫ "ބޮޑު މާހެފުން" މިއަދު ހަވީރު

ރޯދަ މަހަށް މަރުހަބާ ކިއުމުގެ ގޮތުން މަރަދޫ ރައްޔިތުންނަށް ބާއްވާ "ބޮޑު މާހެފުން" މިއަދު ހަވީރު އޮންނާނެ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.

މަރަދޫގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީގެން ބާއްވާ މާހެފުން ފެށުމަށް ހަމަޖެހިފައި ވަނީ އެ ރަށު ބަނދަރުމަތިން ކުޑަކުދިންގެ ޕާކް ސަރަހައްދުގަ އެވެ. މާހެފުން ފަށާނީ ހަވީރު 4:30 ގަ އެވެ.

"ބޮޑު މާހެފުމު" ގެ މީޑިއާ ކޯޑިނޭޓަރު އަމީޒާ ހަލީލް "އައްޑޫ ލައިވް" އަށް ވިދާޅުވީ މި ފަހަރުގެ މާހެފުމަކީ މަރަދޫގެ ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މާހެފުމެއް ކަމަށެވެ.

އެހެންވެ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށް އޭނާ ބުންޏެވެ.

"ރަށުގެ ހުރިހާ ރައްޔިތުން މީގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް. މިފަދަ ކޮންމެ ކަމެއްގައި މަރަދޫ ރައްޔިތުންނަކި އަބަދު ވެސް ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ވަރަށް ބަދަހި ބައެއް،" އަމީޒާ ވިދާޅުވި އެވެ. "މި ފަހަރުގެ މާހެފުމުން އެކަން ސާބިތުވެގެން ދާނެ."

އޭނާ ވިދާޅުވީ ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ ބޮޑު މާހެފުން ބާއްވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާ އެކުގައި ކަމަށެވެ.

"ކުރިން މިކަން ބާއްވަނީ ރައްޔިތުންގެ އަތުން ކޮންމެވެސް ޗަންދާއެއް ނޫނީ ގޭގެ އިން ކާތަކެތި ތައްޔާރުކޮށްގެން. އެކަމަކު މި ފަހަރު ރައްޔިތުންގެ އަތުން އެއްވެސް ހަރަދެއް ނުދާނެ. މާހެފުމުގެ ހުރިހާ ކަމެއް ކުރިއަށް ދާނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީ އާ އެކު." އަމީޒާ ވިދާޅުވި އެވެ.

މި މާހެފުން ބާއްވަނީ މަރަދޫ އަވަށު އޮފީހާއި ސިއްހީ މަރުކަޒާއި ރަށުގެ ސްކޫލްތަކާއި އެހެނިހެން ހުރިހާ މުއައްސަސާތަކާއި އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގަ އެވެ.

މާހެފުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަރަށް ފޯރި އާ އެކު ކުރަމުންނެވެ.