Last Updated: April 18, 06:09
Thursday, April 18, 2024
ރިޕޯޓް

އަނެއްކާ ވެސް ދެ ގަތުލު: އުމަރު ކޮބާތަ ޓެގްތައް؟

ގޭންގްތަކުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް މޮނިކޮމް އަމުރުގެ ދަށުން ފުލުހުން މިހާރު ވަނީ ކުށްވެރިންގެ ގައިގައި ޓެގް އަޅުވަން ފަށައިފި އެވެ.

މީގެ ބޭނުމަކީ ކުށްވެރިން ކޮންޓްރޯލްކޮށް، އެ މީހުން އުޅޭ ނޫޅޭ ގޮތް ގާތުން ބެލުމެވެ.

ޓެގް އަޅުވަން ފެށިތާ ތިން މަހެއްހާ ދުވަސް ފަހުން ހޯމް މިނިސްޓަރު އުމަރު ނަސީރު ދައުލަތުގެ މީޑިއާ ޓީވީއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގޭންގްތަަކަށް ނިސްބަތްވާ މީހުންގެ ގައިގައި ޓެގް އަޅުވަން ފެށުމުން، ގޭންގް ހަރަކާތްތައް މިހާރު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަަމަށެވެ.

މިނިސްްޓަރު ވިދާޅުވީ މާލޭގެ މާހައުލު މިހާރު ވަރަށް އަމާންވެފައިވާ ކަމަށާއި މާރާމާރީ ފަދަ ބޮޑެތި އެއްވެސް ޖަރީމާއެއް ޓެގް އަޅުވަން ފެށި ފަހުން ނުހިނގާ ކަމަށެވެ.

މިނިސްޓަރު ސިފަ ކުރެއްވި ގޮތުގައި މިއީ ޓެގްގެ ބާރެވެ. އެ ބޭނުން ކުރަން ފެށުމުގެ ނަތީޖާ އެވެ.

އުމަރު ވިދާޅުވި ގޮތުގައި ގޭންގްތަަކަށް މިހާރު އޮތީ ދެ ގޮތެކެވެ. އެއް ގޮތަކަކީ ގޭންގްތައް ފުނޑުފުނޑުވާން ދޫކޮށްލުމެވެ. އަނެއް ގޮތަކަކީ ގޭންގްތަކުގައި އުޅޭ މީހުން އިސްލާހުވެ، އާންމު ދިރިއުޅުމަށް ރުޖޫއަވުމެވެ.

އެެހެން ނޫން ކަަމަށްވާ ވަނަ ގޭންގްތަކަށް އޮތީ ފުނޑުފުނޑުވުން ކަމަށާއި އެކަން ކުރާނެ ކަމަށާއި އެ ނޫން ގޮތެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އެކަމަކު އުމަރު މި ވާހަކަ ދެއްކެވިތާ އަދި ހަފުތާއެއްހާ ދުވަސް ވެސް ނުވެ އެެވެ. ރޭ މާލޭގައި ނުރައްކާތެރި ދެ މާރާމާރީ ހިންގައި، ދެ ކުއްޖަކު މި ވަނީ މަރާލައިފަ އެވެ. އަންތަރީހެވެ. ފުލުހުން ކޮބައިތޯ އެވެ؟

ހައްލަކީ އުމަރު ކަމަަށް ރައްޔިތުން ގަބޫލް ކުރަން ބޭނުން ވިޔަސް ފެންނަނީ އުމަރާއި އޭނާގެ ޓީމް ކުރާ މަސައްކަތުން އެދެވޭ ހެޔޮ ނަތީޖާއެއް އަދިވެސް ނުނެރެވޭ ތަނެވެ.

ިތިޔަ ވިދާޅުވީ ޓެގްގެ ބާރު ކޮބައިތޯ އެވެ؟ މި ވަނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނެތީ ހެއްޔެވެ؟ އެ ވިދާޅުވާ ބާރުގަދަ ޓެގުން ވެސް ވީ ކޮން ކަމެއްތޯ އެވެ؟

ޓެގަކީ ކާމިޔާބު ވަސީލަތެއް ކަމަށް އުމަރު ވިދާޅުވިޔަސް، އެކަން މިހާރު ގަބޫލް ކުރާނީ ކިހިނެއް ހެއްޔެވެ؟

ގޭންގްތަކުން އެހަރަ ނިކުމެ، އެންމެންގެ ލޯ ކުރިމަތީގައި ބިރެއް ނެތި އިންސާނުންގެ ފުރާނަ ދުއްވާލަނީ އެވެ.

ގޭންގްތަައް މައިތިރި ކުރެވޭނެ އަސްލު ފަރުވާއެއް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އުމަރު ހޯއްދަވައި ދެއްވާށެވެ. ހަމައެކަނި މޮޅެތި ވާހަކަތައް ދެއްކެވިޔަސް ކަމަކު ނުދާނެ އެވެ.

ހައްލަކީ އުމަރު ކަމަށް ރައްޔިތުން ގަބޫލް ކުރާނީ އެފަދަ ދުވަހެއް އައިސްގެންނެވެ.