އައްޑޫގައި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ ހާއްސަ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އައްޑޫގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އޮޕަރޭޝަނަކީ މިހާރު ވެސް ނަތީޖާތަކެެއް ނެރެވިފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާއި އޮފިޝަލް ވިދާޅުވީ އައްޑޫގައި ފެށި ހާއްސަ އޮޕަރޭޝަނާއި ގުޅިގެން މިވަގުތު އައްޑޫ ވަނީ އަމާން ތަނަކަށް ވެފައި ކަމަށެވެ. އަދި ކުށުގެ ވެށި ވަރަށް ބޮޑަށް ރަނގަޅުވެފަވާ ކަމަށެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން މިހާތަނަށް ހާމަ ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފާއިތުވި ދުވަސްތަކުގައި ފުލުހުންވަނީ 72 މީހަކަ ހައްޔަރުކޮށްފައެެވެ.
މީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ 51 މީހަކާ، އެހެނިހެން މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ 21 މީހެކެވެ. އަދި 153 ތަނެއް މިހާތަނަށް ވަނީ ބަލާފާސްކޮށްފައެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުންދަނީ އެއްގަމު ދުއްވާ އެއްޗެހި ވެސް ބަލައި ފާސް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 453 އެއްގަމު އުޅަނދު ޗެކްކޮށް 15 މީހަކާއި މެދު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި 9 އެއްގަމު އުޅަނދު ޓޯކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންގެ މި ހާއްސަ އޮޕަރޭޝަނާއި ގުޅިގެން އައްޑު ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އޮޕަރޭޝަން ފެށި ފަހުން ރަށްރަށުގެ ކުށުގެ ހާލަތަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އާންމުންގެ ފަރާތުން އޮޕަރޭޝަނާ ގުޅިގެން ހިޔާލުތަކެއް ލިބެމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ފުލުހުން ވަނީ މި އޮޕަރޭޝަނަށް މިހާރު ވެސް އާއްމުން ދެއްވަމުން އަންނަ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ. އަދި އޮޕަރޭޝަންގެ ނަތީޖާ ރަނގަޅުކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންކަން ވެސް ފާހަގަކޮށްލެވެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ މި އޮޕަރޭޝަން ފެށިފަހުން "ލޮލު ފިޔަ ޖަހާލެވޭ" ކަމަށެވެ.
"ކުރިން އަހަރެމެންނަކަށް ލޮލު ފިޔައެއް ނުޖެހޭ. ދިރިއުޅެނީ ބިރުވެރިކަމެއްގެ ތެރޭ" އޭނާ ބުންޏެވެ. މިއޮޕަރޭޝަނުގައި ފުލުހުންވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އާއި ފައިސާވެސް އަތުލައިގެންފަ އެވެ.