Last Updated: May 19, 11:30
Sunday, May 19, 2024
ޚަބަރު

ފްލެޓްތަަކަށް ފޯމް ދޫކުރަން ފަށައިފި، އަވަހަށް ފޯމް ނަގާ

ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭ ގޮތަށް އައްޑޫގައި މިހާރު އިމާރާތް ކުރަމުން އަންނަ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފްލެޓްތަކަށް އެދޭ ފޯމް މިއަދުން ފެށިގެން ހައުސިން މިނިސްޓްރީގެ ފޭދޫ ސެކްޝަނުންނާއި ހުޅުމީދޫ ސެކްޝަނުން ދޫކުރާނެ އެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމް ޑައުންޑޯލް ވެސް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޯމް ހުށަހަޅަން ޖުލައި މަހުގެ 10 އާ ހަމައަށް ވަނީ ފުރުސަތު ދީފަ އެެވެ.

ހިތަދޫގައި އަޅާ 264 ފްލެޓްގެ ތެރެއިން 230 ފްލެޓް ހާއްސަކޮށްފައި ވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށެވެ.

މި ފަހަރު އިއުލާންކޮށްފައި ވަނީ ހުޅުދޫގައި އަޅާ 48 ފްލެޓްގެ ތެރެއިން 38 ފްލެޓަށެވެ.

ފްލެޓްތަކަށް މަހަކު ދައްކަން ޖެހެނީ 3،000ރ. އެވެ. އެއީ 25 އަހަރުގެ ތެރޭގައި ފްލެޓް ހަލާސް ކުރެވޭ ގޮތަށެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ ހިތަދޫގައި ބާކީ ހުރި 34 ފްލެޓާއި ހުޅުދޫގައި ބާކީ ހުރި 10 ފްލެޓް ދޫކުރާނީ ރިއަލް ސްޓޭޓް އުސޫލުން ކަމަށެވެ.

ފްލެޓްތަކުގެ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، އަންނަ އޮގަސްޓަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފްލެޓްތަކަށް ހޮވޭ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭނެ އެވެ.

ފްލެޓްތައް ދޫކުރާ އުސޫލުތައް ވެސް މިހާރު ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެެ.