ރާއްޖެ އަށް ލިބޭ އާމްދަނީ މިވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ އިތުރުވެފައިވީ ނަމަވެސް، ޙަޤީޤަތަކީ ރާއްޖޭގައި އުޅޭ މުއްސަނދިންނާއި ފަޤީރުންގެ ތަފާތު ބޮޑުވުން ކަމުގައި ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، އެ މަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ ކަނޑިތީމަށް ވަޑައިގެން، ކަނޑިތީމު ރައްޔިތުންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެ މިއަދު ހިމެނިފައި ވަނީ، މެދުފަންތީގެ ދަރަޖަ ލިބިފައިވާ ޤައުމުތަކުގެ ތެރެއިން ވެސް އެންމެ އުސް ހަރުފަތްތަކުގައި އުޅޭ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ ތެރެއިން ކޮންމެ ބޮލަކަށް މިހާރު ޖެހޭ އާމްދަނީއަކީ 6،000 ޑޮލަރު ކަމަށާއި މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ޢަދަދެއް ކަމަށް ވިޔަސް ވެސް ފަޤީރުން ވަނީ ނިކަމެތިވެފައި ކަމަށާއި، މުއްސަނދިންވަނީ ކުރިއަށް ވުރެ މުއްސަނދިވެފައި ކަމުގައި ރައީސް ވިދާޅުވި އެވެ.
އެހެންވީމާ، މި ތަފާތުތައް ކުޑަކުރުމަށް ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކެއް އަދި އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރި ކަމަށާއި، އެއްކަމަކީ ނިކަމެތިންނަށް އެހީތެރިވުމާއި، ނިކަމެތިންގެ ދިރިއުޅުމުގެ ފެންވަރު ވަކި ވަރަކަށް މައްޗަށް އުފުލައިލުން ކަމުގައި ރައީސް ހާމަކުރެއްވި އެވެ. އަދި މިކަމުގައި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުވައި ދެއްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކަނޑިތީމު ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކަނޑިތީމަކީ ޕާޓީތަކުގެ ތަފާތު ކުރުމެއް ނެތި، އަވަށުގެ ތަފާތުތަކެއް ނެތި، އަދި މިފަދަ ހުރިހާ ތަފާތުތަކެއް އެއްކިބާ ކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން އަތުގުޅާލައްވައިގެން މަސައްކަތް ކުރަމުން ގެންދާ ރަށެއްކަން ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ކަނޑިތީމަށް މި ވަގުތު ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެއްވެންހު ރި މަސައްކަތްތައް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
އެގޮތުން، ރަށުގެ ކަރަންޓްގެ ކަންތައް މިހާރަށް ވުރެ ރަނގަޅަށް އިންތިޒާމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަން ހާމަ ކުރެއްވިއެވެ. އަދި މި އަހަރުގެ ތެރޭގައި ރަށުގެ ބަނދަރު އަލުން ރަނގަޅު ފެންވަރަކަށް ހެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރަށުގެ ސްކޫލާއި ޞިއްޙީ މަރްކަޒު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަން ސް އެބަހުރި ކަމުގައި ރައީސް ވިދާޅުވި އެވެ.