ރޯދަ މަހު އައްޑޫގެ 23 މިސްކިތެއްގައި ހިފުޒުކޮށް ތަރާވީސް ނަމާދު ކުރާނެ ކަމަށާއި ނުވަ މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ހިތަދޫގެ 12 މިސްކިތެއްގައި ހިފުޒޮށް ތަރާވީސް ނަމާދު ކުރާ އިރު، އައްޑޫގެ އެހެން އަވަށްތަކުގެ ހުކުރު ކުރާ މިސްކިތްތަކުގައި ހިފްޒުކޮޑް ތަރާވީސް ނަމާދު ކޮންމެ ރެއަކު ވެސް ކުރާނެ ކަމަށެވެ.
ތަރާވިސް ނަމާދުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ.
އަދި ތަރާވީސް ނަމާދު ކުރުމަށްޓަކައި އައްޑޫގެ ބައެއް ޖަމިއްޔާތަކުގެ އެހީގައި ވަނީ ހަތް ހާފިޒުން ވެސް އައްޑު އަށް ގެނެސްފަ އެވެ. އަދި ތަރާވީސް ނަމާދު އައްޑޫގެ ޝެއިހުން ވެސް ކުރާނެ އެވެ.
ތަރާވީސް ނަމާދު ކުރާ ހާފިޒުންގެ ތެރެއިން ބޭރުގެ ހާފިޒުންނަށް މިނިސްޓްރީން 200ރ. ގެ އެލަވަންސެއް ދޭ އިރު، ދިވެހި ހާފިޒުންނަށް 400ރ. ގެ އެލަވަންސެއް ދޭނެ އެވެ.

މޭޔަރު ވިދާޅުވީ ތަރާވީސް ނަމާދުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖެއްސި ނަމަވެސް، ދަމު ނަމާދުގެ އިންތިޒާމްތައް ހަމަޖެއްސީ ކައުންސިލުން ކަމަށެވެ.
އެގޮތުން ދަމު ނަމާދު ކުރާ ފަރާތްތަކަށް ވެސް ތަރާވީސް ނަމާދު ކުރުމުން ދެވޭ އެލަވަންސް ކައުންސިލްގެ ބަޖެޓުން ދޭނެ ކަމަށް ސޯބެ ވިދާޅުވި އެވެ.
މީގެ އިތުރުން ރޯދަ މަހުގެ އަސްރު ނަމާދަށް ފަހު ކޮންމެ ދުވަހަކު އަވަށްތަކުން ކަނޑައެޅޭ މިސްކިތްތަކުގައި މި އަހަރު ވެސް ދަރުސް ދިނުން ކުރިއަށް ދާނެ އެވެ.
އަދި ސާނަވީގައި ކިޔަވާ ކުދިންނަށް ބާއްވާ އިހްޔާ ޕްރޮގްރާމް މި އަހަރު ވެސް ޝެއިހުންގެ އެހީ ލިބިގެން ސާނަވީ އަދި މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލްތަކުގައި އޮންނާނެ އެވެ.