Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހިތަދޫ ހޮސްޕިޓަލަށް ކައުންސިލުން ޑޮކްޓަރުން ހޯދަނީ

ޓޮމް މަޖިލީހުގެ ކޮމިޓިއެއްގައި އޮތް ބައްދަލުވުމެއްގައި: އޭނާ ވިދާޅުވީ އައްޑޫގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށް. ފޮޓޯ/ މަޖިލިސް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޑޮކްޓަރުންގެ ދަތިކަން ހައްލުކޮށް ދިނުމުގެ ގޮތުން އެ ހޮސްޕިޓަލަށް ޑޮކްޓަރުން ހޯދައި ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ސޯޝަލް ޑިޕާޓްމަންޓާ އިސްކޮށް ހަވާލުވެ ވަޑައިގެން ހުންނަވާ މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ ޑޮކްޓަރުން ހޯދުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބެލްޖިއަމްގެ ބަޔަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގެ ޑޮކްޓަރުން ރެކްރޫޓް ކުރާ ބެލްޖިއަމްގެ ކުންފުންޏަކާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ޓޮމް ވިދާޅުވީ ފެބްރުއަރީ ނިމޭހާ ތާނގައި މި މަސައްކަތަށް ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
"އަަޅުގަނޑުމެން ބޭނުން ހަމައެކަނި އިންޑިއާ ނޫނީ މި ހިސާބުގަނޑުގެ ގައުމުތަކުން ޑޮކްޓަރުން ހޯދުމުގެ ބަދަލުގައި ޔޫރަޕްގެ ގައުމުތަކުން ވެސް ޑޮކްޓަރުން ގެންނަން. އޭރުން މީގައި ފެންނާނެ ފެންވަރުގެ ތަފާތު ވެސް. އަދި ހޮސްޕިޓަލާ ދޭތެެރޭ އާންމުން ދެކޭ ޕާސެޕްޝަން ވެސް ބަދަލު ވާނެ،" ޓޮމް ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރާނަން ޔޫރަޕްގެ ހިސާބުގެ ޕްރޮފެޝަނަލް ޑޮކްޓަރުން ވަކި މުއްދަތަކަށް އައްޑު އަށް ގެނެސްގެން ހިދުމަތް ދެވޭނެ ގޮތްތަކެެއް ހޯދޭތޯ."

އޭނާ ވިދާޅުވީ އައްޑޫގެ ސިއްހީ ދާއިރާއަކީ މިހާތަނަށް އައި އިރު ތަރައްގީ ނުވެ އޮތް ހަމައެކަނި ދާއިރާ ކަމަށެވެ. އަދި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ސިއްހީ ދާއިރާ އަށް ކުރިއެރުމެއްް ލިބިފައި ނުވާ ކަމަށް ޓޮމް ވިދާޅުވި އެވެ.

"ސިއްހީ ހިދުމަތާ ދޭތެެރޭ އާންމުންގެ ޝަކުވާތައް ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ. "ސިއްހީ ހާލަތު ވަރަށް ދަށްކޮށް މިއޮތީ. މިހާރު ވެސް ކަށީގެ ޑޮކްޓަރެެއް، އެތެރެހަށީގެ ޑޮކްޓަރެެއް، ކުޑަކުދިންގެ ޑޮކްޓަރެެއް އަދި ސާޖަނަކު ވެސް ނެތް."

މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓާ ވެސް ބައްދަލުކޮށް، އެތަނަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.