Last Updated: April 23, 23:56
Tuesday, April 23, 2024
ސިޔާސީ

ރައީސް ނަޝީދުގެ "އޮޕަރޭޝަން" މިއޮތީ!

މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ކަަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުން މިހާރު ސިޔާސީ ހިމާޔަތް ވެސް ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު މިހާރު ފެންނަނީ ކޮންމެވެސް އާ ކަމެއްގެ ތެރޭގައި އުޅުއްވަނިކޮށެވެ.

ނޫސް ކޮންފަރެންސްތައް ބޭއްވުމާއި މެޗްތައް ބަލަން ދަނޑަަށް ވައިގަތުމާއި ރައްޓެހިންނާ އެކު ހިންގަވާލަން ނިކުތުމާއި އިދިކޮޅު އިއްތިހާދު އުފެއްދުން ފަދަ ކަންތައްތަކުގައި ނަޝީދު އުޅުއްވަނީ އަވަދި ނެތި އެވެ.

ފަރުވާއަކަށް ސަރުކާރުން ނަޝީދު ފޮނުއްވުމުން، ފަރުވާ ކުރެއްވުމުގެ ބަދަލުގައި ނަޝީދު އެހެން ކަންކަމުގައި އުޅުއްވައި އެނބުރި ވަޑައިގެންފައި ނުވާތީ ސަރުކާރުން ވެސް ދަނީ ވަރަށް ބޮޑަަށް ފާޑު ކިޔަމުންނެވެ.

މިހާރު އަނެއްކާ ވެސް ނަޝީދުގެ "އޮޕަރޭޝަނެކެވެ." ފުރޮޅުލީ އޮފީސް ގޮނޑިއެއްގައި އިށީނދެ ވަަޑައިގެން ތަންމިނަށް އަނގުފުޅު ހުޅުއްވާފައި ގޮނޑި ދުއްވަވަނީ އެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައި މި މަންޒަރުތަކާއި ވީޑިއޯތަކާ އެކު ރާއްޖޭގެ ކުރީގެ ރައީސް ރޭހެއްގައި އޮފީސް ގޮނޑި ދުއްވަވަނީ ކަމަށް ވިދާޅުވެ ހަބަރު ވެސް ގެނެސް ދީފައިވެ އެވެ.

ނަޝީދު ގޮނޑި ދުއްވަނީ އިނގިރޭސިވިލާތުގެ ވޭލްސްގައި ކުރިއަށްދާ "ހޭސް ފެސްޓިވަލް" ގައި ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ރޭހުން ނަޝީދު އެއް ވަނަ ވެސް ހޯއްދަވާފައިވާ ކަމަށްވެ އެވެ.

ކޮންމެއަކަސް ރައީސް ނަޝީދުގެ މީ ވީޑިއޯއަކީ ސަރުކާރަށް އަނެއްކާ ވެސް ނަޝީދާ ބެހޭ ގޮތުން އާ ވާހަކަތަކެއް ދައްކަން ލިބޭ ފުރުސަތަކަށް ވާނެ އެވެ.

އަވަސް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގެން އިނގިރޭސިވިލާތަށް ވަޑައިގެން ނަޝީދު މި ކުރައްވާ "އޮޕަރޭޝަން" މިއީ ހާދަހާ ވާ މަޖާ އޮޕަރޭޝަނެކެވެ.

ސަރުކާރުން މިއަށް ދޭނެ ރައްދަކަށް ނަޝީދުގެ ސަޕޯޓަރުން ވެސް މިހާރު ތިބޭނީ އިންތިޒާރުކޮށްގެންކަން ޔަގީނެވެ.