Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

އެމްއާރްޑީސީ އައްޑޫ ބްރާންޗަށް އާ ވެހިކަލް ގެނެސްފި

އައްޑޫގެ މަގުތައް ހެދުން ފަދަ މަސައްކަތްތަކަށް ސަރުކާރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އަށް ފޯރުކޮށް ދޭ އެހީތެރިކަމުގެ ދަށުން އާ ވެހިކަލްތަކެއް އައްޑު އަށް ގެނެސްފި އެވެ.

އެމްއާރްޑީސީގެ އައްޑޫ ބްރާންޗަށް އާ ދެ ވެހިކަލް ލިބިފައި ވަނީ ވެހިކަލްތައް ވަރަށް އަވަހަށް ހޯއްދަވައި ދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ އެޕްރީލް މަހު އައްޑު އަށް ކުރެއްވި ދަތުރެއްގައި ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ހުރި އެތައް މެޝިނަރީއަކާއި އެތައް ސާމާނެއް ނުބަލަހައްޓައި ހަލާލުކޮށްލައިފައި ކަމަށެވެ.

އެހެންވެ މަގުތައް ހެދުމާއި އެ ނޫން ވެސް އެކިއެކި މަަސައްކަތްތަކަށް ބޭނުންވާ އިކްޕްމަންޓާއި މެޝިނަރީ އައްޑު އަށް ވަރަށް އަވަހަށް ހޯދައި ދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

އަދި އެކަން ކުރައްވާނީ ސަރުކާގެ ބަޖެޓްގެ ތެރެއިން ކަަމަށް ވިދާޅުވި އެވެ.

އެމްއާރްޑީސީ އައްޑޫ ބްރާންޗުން އަލަށް ލިބުުނު ދެ ވެހިކަލާ އެކު މަސައްކަތްތައް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ތަކެތި ބޭނުން ކުރަން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު އޭނާ ވިދާޅުވީ މި ވެހިކަލްތަކަކީ ހައުސިން މިނިސްޓްރީގެ ދަށުން މަސައްކަތްތައް ކުރަން ގެނެވުނު ވެހިކަލްތަކެއް ކަމަށެވެ.

އަލަށް ގެނައި ވެހިކަލްތައް ހުންނާނީ ވެސް އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓްގެ ދަށުގަ އެވެ.