އަކްޝޭ ކުމާރާއި ޕަރޭޝް ރާވަލް ލީޑް ރޯލް ކުޅުނު ހިޓް ފިލްމް އޯ މައި ގޯޑް (އޯއެމްޖީ) ގެ ޑައިރެކްޓަރު އުމޭޝް ޝުކްލާގެ އާ ފިލްމް ކުޅެން އަބީޝެކް ބައްޗަން އެެއްބަސްވެފައިވާ ކަމަށް ޝުކްލާ ބުނެފި އެވެ.
ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ފިލްްމްގެ ސްޓޯރީ އަބީޝެކް އަށް ކިޔައި ދިނުމުން އޭނާ އެ ފިލްމް ކުޅެން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން މި ދަނީ އަދިވެސް ސްކްރިޕްޓްްްްގެ މަސައްކަތް ކުރަމުން. އަބީޝެކް ފިޔަވައި އިތުރު ތަރިންނެެއް ވެސް ފިލްމަށް އަދި ހަމައެއް ނުޖެހޭ،" އޭނާ ބުންޏެވެ. "އެކަމަކު ފިލްމްގެ މަސައްކަތް މި އަހަރުތެރޭ ފެށޭނެ."
ބެލެވޭ ގޮތުގައި މި ފިލްމް ޕްރޮޑިއުސް ކުރަނީ ޓީ-ސީރީޒް އާއި ޝިޔާމް ބަޖާޖް އެވެ.
އުމޭޝް ބުނީ އަބީޝެކް އާ އެކު ހަދާ ފިލްމްގެ އިތުރަށް ސޮނާކްޝީ ސިންހާ އެކު ވެސް ފިލްމެއްގެ މަސައްކަތް ޕްލޭންކޮށްފައިވާ ކަމަށެވެ. ސޮނާކްޝީ ވަނީ އޯއެމްޖީގައި ޕްރަބޫދޭވާ އާ އެކު އައިޓަމް ލަވައެއް ކުޅެފަ އެވެ.