އެމެރިކާ އަށް 2001 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މުސްލިމުންނަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭ ގޮތުން ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާން ވާހަކަ ދައްކާފައި ވަނިކޮށް މުސްލިމުންގެ މެޖޯރިޓީ އޮންނަ ޕާކިސްތާނަށް ޝާހް ޒިޔާރަތް ކުރުމުގެ ދައުވަތު އެ ގައުމުގެ ޖަމާއަތަކުން ދީފި އެވެ.
ޕާކިސްތާންގެ ޖަމާއަތެެއް ކަމަށްވާ "ޖަމާއަތުއް ދައުވާ" ގެ ވެރިޔާ ހާފިޒް މުހައްމަދު ސައީދު ވިދާޅުވީ ޝާހް އަށް ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށެވެ. ޕާކިސްތާނުގެ ޓީވީ ޗެނަލެެއްގައި ވާހަކަ ދަައްކަވަމުން ސައީދު ވަނީ ޝާހްގެ ވާހަކަ އަށް ތާއިދުކޮށް އޭނާ އަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އިންޑިއާގައި ދިރިއުޅެން ބޮލީވުޑްގެ އެންމެ ނުފޫޒް ފަދަ އެއް އެކްޓަރު ޝާހް ޖެހިލުންވާ ނަމަ، އޭނާ އަށް ޕާކިސްތާނުން އަބަދުވެސް މަރުހަބާ ކިޔަން ތައްޔާރަށް އޮތް ކަމަށް ސައީދު ވިދާޅުވި އެވެ.
ޕާކިސްތާންގެ ޖަމާއަތަކުން ޝާހަށް މަރުހަބާ ކިޔާފައިވާ އިރު ފާހަގަކޮށްލެވޭ އެއް ކަމަކީ ޝާހްގެ ކްރިކެޓް ޓީމް ކަލްކަތާ ނައިޓް ރައިޑާ (ކޭއާރްކޭ) ގައި ޕާކިސްތާނުގެ ކުޅުންތެރިންތަކެއް ހިމަނައި، އޭނާ އެ ގައުމަށް ފޭވަކޮށް ދެމުންދާ ކަމަށް ބުނެ މުޒާހަރާ ވެސް ކޮށްފައިވާ ކަމެެވެ. އަދި 2010 ވަނަ އަހަރު ރިލީޒްވި "މައި ނޭމް އިޒް ހާން" އާ ގުޅިގެން ވެސް އިންޑިއާގެ ހިންދޫ ޖަމާއަތްތަކުން އެ ފިލްމާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ.
ކަރަން ޖޯހަރު ޑައިރެކްޓް ކުރި "މައި ނޭމް އިޒް ހާން" ގައި ކިޔައި ދެނީ އެމެރިކާގެ ޓެރަރިސްޓް ހަމަލާ އަށް ފަހު މުސްލިމުންނާ ދޭތެެރޭ އެމެރިކާ ދެކޭ ގޮތެވެ. އަދި އޭގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ.