Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ފަހު ދިހައިގައި 150 ގައިދީއަކު މިނިވަން ކުރަނީ

ރަމަޟާން މަހުގެ ފަހު ދިހައިގައި ޖަލުގައި ތިބި 150 ގައިދީ އަކު ޕެރޯލްގެ ދަށުން ޖަލުން މިނިވަންކޮށް މުޖުތަމައަށް ނެރޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން މީޑިއާއަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މި އަހަރުތެރޭ 300 ކުއްވެރިއަކު މުޖުތަމައުގެ އެހެން ފަރުދުންނާ ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ރޯދަމަހު ފަހު ދިހައިގައި 150 މީހުން ޖަލުން ނެރޭނެ އެވެ.

މިކަން ކުރުމަށް ވަކި ކޮމެޓީއެއް އެކުލަވާލައި ކޮމެޓީގެ މެމްބަރުން ދަނީ މިހާރުވެސް ޖަލުގައި ބަންދު ކުރެވިފައިވާ ކުއްވެރިން އުޅޭ ނޫޅޭ ގޮތް ބަލައި ޕެރޯލްގެ ދަށުން ދޫކުރުމަށް ފެތޭ މީހުން ބަލައި ޝޯޓްލިސްޓު ކުރަމުން ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެއްވެސް ގައިދީއަކު މުޅިން މިނިވަން ނުކުރާނެ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ. ޕެރޯލްގެ ދަށުން ނެރޭ ކުއްވެރިންނަކީ ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކުރެވޭ މީހުންނެވެ.

އަދި ހޯމް ކާފިއުގެ ޓެގް ވެސް އެ މީހުންގެ ފައިގައި އެޅުވޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިހާ ގިނަ ކުއްވެރިން ޖަލުން މިނިވަން ކުރާއިރު އެމީހުންނަކީ މުޖުތަމައުއާ އަލުން ގުޅުމަށް އެކަށީގެންވާ މީހުންތޯ މިކަމަށް ކަނޑައަޅާފައިވާ ކޮމިޓީއިން ބަލާނެ އެވެ.

މުޖުތަމައަށް ނުރައްކާތެރި ވެދާނެ ކަމަށް ބެލެވޭ އެއްވެސް ކުއްވެރިއަކު ނުނެރޭނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި އެމީހުން ހޯމް މިނިސްޓްރީން ރަނގަޅަށް ބަލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެމީހުން ތިބޭނީ ހޯމް ކާފިއުގައި ޓެގު އަޅުވާފައި. ވަކި ގަޑިތަކެއްގައި އެމީހުން ތިބެން ޖެހޭނީ ގޭގައި. އެމީހުންގެ އަމަލުތައް ވަރަށް ރަގަޅަށް ބަލާނެ" ޓެގު އެޅުވިނަމަވެސް މޮނިކޮން އަމުރު ނެރެ ޓެގު އަޅާ މީހުންނަށް ވުރެ މިމީހުންނަށް ލިބޭ މިނިވަންކަން ބޮޑު ވާނެއެވެ.

ޕެރޯލްގެ ދަށުން ޖަލުން ދޫކޮށް ނުލެވޭ މީހުންގެ ތެރޭގައި ގަސްދުގައި މީހަކު މަރާފައިވާ ކަމަށް ސާބިތުވެފައިވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ އިތުރުން ގާނޫނުގައި އަދަބު ލުއި ނުކުރެވޭނެ ކަމަށް ބުނެފައިވާ ކުށެއް ކޮށްފައިވާ އެއްވެސް ކުއްވެރިއަކު ޖަލުން ނުނެރޭނެ އެވެ.

މި ފުރުސަތު ދޭނީ ކަނޑައެޅި އަދަބަކީ ހަމަސް ދުވަހަށް ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ މީހުންނަށެވެ.

އަދި ޖަލުގައި ހޭދަކުރި މުއްދަތުގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ އަހްލާގީ މިންގަނޑެއް ހިފަހައްޓާފައިވުމާ އެކު ޖަލުގައި އެ ގައިދީއަކަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މީހަކަށް ވެސް އެމީހަކު ވާން ޖެހޭނެ އެވެ.