ހުޅުމީދޫން ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ އިންފްރާސްޓަރަކްޗަ ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީ މިއަދު ވިދާޅުވީ ގޯތި ހޯދުމަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކައުންސިލުން ކުރަމުންދާ ކަމަށެވެ. އަދި އަންނަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ގުރުއަތަށް ހޮވޭ މީހުންގެ ނަންތައް އިއްލާން ކުރެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީ ވަރަށް ބަލައިގެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތެއް، އެހެންވެ ވަގުތު ނަގަނީ. ނަމަވެސް އަންނަ މަހު ގުރުއަތަށް ހޮވޭ ނަންތައް އިއްލާން ކުރެވޭ ވަރުވާނެ،" ހިލްމީ ވިދާޅުވި އެވެ.
ފެބްރުއަރީ 9، 2011 ގައި ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ފޯމުތައް ދިރާސާ ކުރުމަށް ފަހު ބިން ދޫކުރަން ހަމަޖެހިފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިގެން އެ ފަހަރު ހުށަހެޅި ފޯމުތައް ވަނީ ބާޠިލް ކޮށްފައެވެ. އަދި ޖުލައި 2012 ގައި އަލުން އިއުލާން ކޮށްގެން މީހުން ވަނީ ފޯމް ހުށަހަޅާފަ އެވެ.
އެ ފަހަރު ގޯތި ދޫކުރަން އިއުލާން ކުރީ އައްޑޫގެ ކޮންމެ ރަށެެއްގެ މީހަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ދެ ހުޅުދު އާއި މީދުން 100 ގޯތި ދޫކުރާ ގޮތަށެވެ. ގޯއްޗަށް އިއުލާން ކުރުމުން 300 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެެވެ.
ހުޅުދޫ އަވަށު ބޯޑު ހިންގުމާ ހަވާލްވެ ހުންނެވި އިބްރާހިމްދީދީ ވިދާޅުވީ ފޯމްތައް ކައުންސިލަށް ނުފޮނުވި ގިނަ ދުވަސްތަކެއް ވަންދެން ހުޅުދޫ އޮފީހުގައި ހުރި ކަމަށެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ ކުރީ ފަހަރުގެ ފޯމު ތައް ބާޠިލްކޮށް ދެވަނަ ފަހަރަށް އިއުލާން ކުރުމަށް ފަހު ލަސްވެގެން ދެ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނެ ކަމަަށް ކައުންސިލުން ވައުދުވި ކަމަށެވެ.
ނަމަވެސް އަދި މިހާތަނަށް ވެސް ޝަރުޠު ފުރިހަމަވާ ފަރާތައް އިއުލާން ނުކުރެވި ދިގުލައިގެން ދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.