Last Updated: April 30, 06:17
Tuesday, April 30, 2024
ސިޔާސީ

އައިބީގެ ސިޓީ: ފޭދޫ ބިން ހިއްކައި ދެވިއްޖެ

ފާއިތުވި 50 އަހަރުގެ ތެރޭގައި ފޭދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް ދިނުމުގެ ގޮތުން ސަރުކާރާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރެވުނު މަސައްކަތުން ފޭދޫގައި 52 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި ދެވިފައިވާ ކަމަށް ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ފާއިތުވި އަހަރު މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ކުރެއްވުނު މަސައްކަތްތައް އޮޅުން ފިލުއްވައި ދެއްވުމަށް އައިބީ މިއަދު ފޭދޫގެ ގޭބިސީތަކަށް ފޮނުއްވި ސިޓީގައި އޭނާ ވަނީ މައިގަނޑު ތިން ނުކުތާއެއް ފާހަގަ ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ފާއިތުވި އަހަރު މަޖިލީހުގެ ކުރެއްވުނު މަސައްކަތްތަކާއި ސަރުކާރާ ގުޅިގެން ދާއިރާގެ ރައްޔިތުންނަށް ކޮށް ދެވުނު ކަންތައްތަކާއި މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނާ ގުޅުން ބޭއްވުމަށް ކުރެއްވި މަސައްކަތްތައް އޭނާގެ ދެ ސޮފްހާގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

"ބިމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި 52 ހެކްޓަރުގެ ބޮޑު ބިމެއް ވާނީ ހިއްކައި ފޭދޫގެ ބިމަށް އިތުރު ކުރެވިފަ އެވެ. އަދި ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެ އެވެ،" އައިބީ ވިދާޅުވި އެވެެ.

އޭނާގެ ސިޓީގައި އަދި ވިދާޅުވީ ފޭދޫ ރައްޔިތުންނަށް ސާފު ބޯ ފެން ފޯރުކޮށް ދިނުމުގެ މަޝްރޫއު މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށެވެ.

"ޕެރަމެޑިސިމް އެމްބިއުލާންސެއްގެ ހިދުމަތް ފެށި، ހެލްތު ސެންޓަރުގެ ވޯޑްތައް އޭސީ ކުރެވި ސްކޫލަށް އިތުރު ކުރެވޭ 12 ކުލާސް ރޫމާއި ޖަލްސާ ކުރާ ހޯލް ހިމެނޭ ގޮތަށް ހަތަރު ބުރީގެ އިމާރާތެއް ބިނާ ކުރުމަށްޓަކައި ވާނީ ކޮންޓްރެކްޓަރާ ހަވާލު ކުރެވިފަ އެވެ." ސިޓީގައިވެ އެވެ.

އޭނާ އަދި ވިދާޅުވީ ބޯހިޔާވަހިކަން ހައްލު ކުރުމަށްޓަކައި ހިތަދޫގައި އިމާރާތް ކުރެވެމުންދާ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ފޭދޫ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކަަމަށެވެ.

މީގެ އިތުރުން ދާއިރާގައި ފެން ބޮޑުވެ ހާލުގައި ޖެހުނު ރައްޔިތުންނަށް ލުއެއް ހޯދުމަށްޓަކައި ރައީސްގެ ހާއްސަ އެންގެވުމަށް ރައްޔިތުނަނަށް މާލީ އެހީތެރިކަން ވެސް މިދިޔަ އަހަރު ފޯރުކޮށް ދެވިފައި ވާނެ ކަމަށް އައިބީ ވިދާޅުވި އެވެ.

"މިފަދަ ހާދިސާތަކުން ފޭދު އަށް ކުރާ އަސަރު ކުޑަ ކުރުމަށް ކަމާބެހޭ އިދާރާތަކާ އެކު މިހާރު ވެސް މި ދަނީ މަސައްކަތް ކުރަމުންނެވެ." ސިޓީގައިވެ އެވެ. "ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ އަވަސް މުސްތަގުބަލެއްގައި ކޮންޓްރެކްޓަރާ ހަވާލު ކުރެވޭނެ އެވެ."

އައިބީ ވިދާޅުވީ އޭނާއަކީ މަޖިލިސް މެމްބަރުންގެ ތެރެއިން މިދިޔަ އަހަރު ވެސް އެންމެ ހާޒިރީ ރަނގަޅު އެއް މެމްބަރު ކަމަށެވެ.

"މަޖިލީހުގައި އަޅުގަނޑު ނިސްބަތްވާ ތިން ކޮމިޓީގެ ހުރިހާ ޖަލްސާއެއްގެ އިތުރުން މަޖިލީހުގެ އެއް ޖަލްސާ ފިޔަވައި ހުރިހާ ޖަލްސާއަކަށް އަޅުގަނޑު ވާނީ ހާޒިރުވެފަ އެވެ." އޭނާ ވިދާޅުވި އެވެ.

އައިބީ ވިދާޅުވީ މެމްބަރުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ގޮތުންނާއި ރައްޔިތުންނާ ގުޅޫން ބޭއްވުމުގެ ގޮތުން މިދިޔަ އަހަރު 29 ފަހަރު ދާއިރާ އަށް ޒިޔާރަތްކޮށް، 70 ދުވަސް ދާއިރާގައި ހޭދަކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ ތަނަވަސްކަން ހުރި މިންވަރަކުން އަމިއްލަ ގޮތުން ދާއިރާގެ އެކި ކަންކަމަށް އެހީތެރިކަން ވެސް ފޯރުކޮށް ދެއްވާފައިވާ ކަމަށެވެ.