Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ހިތަދޫގައި މާރާމާރީ ހިންގައި ފަސް މީހަކު ޒަހަމްކޮށްލައިފި

ހިތަދޫގައި މިރޭ ގްރޫޕްތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ފަސް މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކި ވަރުގެ ޒަހަމްތައް ލިބިގެން ފަސް މީހަކު ގެނެސް ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ ދަންވަރު 1:00 ޖަހަން އުޅެނިކޮށެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ ބޮލާއި މޫނުމަތި ފަދަ ތަންތަން ވަރަށް ބޮޑަށް ޒަހަމްވެ ލޭ އައިސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫ ވައިލެޓް މަގުގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީގައި އެކެއްގެ ބުރަ ކައްޓަށް ވެސް ވަނީ ވަޅިއަކުން ހަމަލާ ދީފަ އެވެ.

"އޭގެ ތެރެއިން އެކަކު ތިއޭޓަރުގައި އޮތީ. އަނެއް ތިން މީހުންނަށް ވެސް ފަރުވާ ދެމުން މިހާރު އަންނަނީ،" އޭނާ ވިދާޅުވި އެވެ. "އެ މީހުންނަށް ލިބިފައި ހުރި ގެއްލުންތައް ބަލަމުން އަންނަނީ."

މިކަމާ ބެހޭ ގޮތުން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެެ. އަދި މާރާމާރީ ހިންގަން ޖެހުނު ސަބަބެއް ވެސް ސާފެއް ނުވެ އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ޒަހަމްވެގެން ހޮސްޕިޓަަލްގައި މިހާރު ފަރުވާ ދެމުން އަންނަނީ ހިތަދޫ ޔެނިސީ އިބްރާހީމް އަލްތާފް ހަބީބް، 20 އާއި އެ އަވަށު އިނާޔާގޭ މިމްދާދް މޫސާ، 23، އާއި ފަނާވިލާ ހަސަން އަލީމް ޒުހުރީގެ އިތުރުން އެކަތަގޭ ހުސައިން ޝަޔާމް، 19، އަށެވެ.