Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މާރާމާރީ އާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

ހިތަދޫގައި ރޭ ހިންގި މާރާމާރީ އާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ އެ ހަތަރު މީހުން ވެސް ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެހެން ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެ މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ހިތަދޫ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާާރާމާރީ ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައްވެފައިވެ އެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް ތޫނު އެއްޗެހިން ހަމަލާ ވެސް ދީފައިވެ އެވެ.

އެގޮތުން އެކެއްގެ ބުރަ ކައްޓަށް ވަޅިއެއް ހަރާލައި، އެކެއްގެ ބޯ ވެސް ވަނީ ވަރަށް ބޮޑަަށް ފަޅާލާފަ އެވެ.

އަނިޔާވެގެން ރޭ ހޮސްޕިޓަލުން ފަރުވާ ދިން މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫ ޔެނިސީ އިބްރާހީމް އަލްތާފް ހަބީބް، 20 އާއި އެ އަވަށު އިނާޔާގޭ މިމްދާދް މޫސާ، 23، އާއި ފަނާވިލާ ހަސަން އަލީމް ޒުހުރީގެ އިތުރުން އެކަތަގޭ ހުސައިން ޝަޔާމް، 19، އެވެ.