ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްކަމަކީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭ މަޢުލޫމާތު ރައީސް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބަށް އެރުވި އެވެ. އަދި ސިޔާސީ ގޮތުން ގެންނަން ހުރި އިޞްލާޙުތަކާއި، ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ވެސް ރައީސް ބައްލަވައިލެއްވި އެވެ.
ޑޮނަލްޑް މެކިނަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށާއި، އިންތިޚާބުގެ ކަންތައްތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ކޮމަންވެލްތުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.