Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މެޑަމް ފާތުންގެ ކަދުރު މައްސަލަ ބަލާނަން: އޭސީސީ

ސައުދީން ހަދިޔާ ކުރި ކަދުރުން ބައެއް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމްދީދީގެ ކެމްޕޭން އޮފީހަށް ގެންގޮސްފައިވާ ކަމަށް ބުނާ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުުތުފީ "ރާއްޖެ ޓީވީ" އަށް ވިދާޅުވީ ސައުދީ ސަރުކާރުން ހަދިޔާ ކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން 10 ޓަނު މެޑަމް ފާތުންގެ ކެމްޕޭން އޮފީހަށް ގެންގޮސް އެކަމަނާގެ ސަދަގާތް ފައުންޑޭޝަނުން ބެހި ކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އާ ހަވާލުކޮށްފައިވާ ކަދުރުގެ ތެރެއިން 10 ޓަނު މުލިއާގެ އަށް ނަގާފައި ވަނީ، މުލިއާ ގެއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ހާއްސަ ސިޓީއަކުން ކަމަށް އެނގިފައިވެ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ފަގީރުންނަށް ބެހުމަށް 500 ކޭސް ކަދުރު މުލިއާގެއާ ހަވާލު ކުރުމަށެވެ.

މި މައްސަލާގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައި ވަނީ އެކަމަނާ ބައްސަވާ ތަކެއްޗަކީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމުގައި ލިބޭ ތަކެތި ކަަމަށެެވެ.

އޭނާ ވިދާޅުވީ އެކި ފަރާތްތަކުގެ އެހީތެރިކަން މެޑަމް ފާތުންގެ ޞަދަގާތު ފައުންޑޭޝަނަށް ލިބެމުންދާ އިރު، ސަރުކާރުގެ ތެރެއިން ކުޑަ ކަދުރުކޮޅެއް ވަގަށް ނަގައިގެން ބަހަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަަމަށެވެ.

"މީގެ ކުރިން ވެސް މެޑަމް ގެންދެވީ އިޖްތިމާއީ ހިދުމަތުގައި ނަމޫނާ ދައްކަވަމުން. އަސާ ބެއްސެވުމާއި، ނިކަމެތިންނަށް ދީލަތި އެހީތެރިކަން ދެއްވުމުގައި ދެއްތޯ. މި ހުރިހާ ކަމެއް ކުރައްވަނީ ބޭރުން އެހީތެރިކަން ހޯއްދަވައިގެން. އަޅުގަނޑުގެ ސުވާލަކީ ދެއް ކީއްކުރަންތޯ ސަރުކާރުގެ ތެރެއިން ކުޑަ ކަދުރުކޮޅެއް ނަންގަވަންވީ." މުއާޒު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިފަދަ ވާހަކަތައް މެޑަމް ފާތުން އާ ގުޅޭ ގޮތުން ދައްކަނީ އެކަމަނާގެ މަަސައްކަތްތަކާ މެދު ހަސަދަވެރިވާ ބަޔަކު އެ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.