އައްޑޫގައި ހިންގާ ވިޔަފާރި ގާޑިޔާތައް ހިންގުމަށް ވަގުތީ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މި މަހުގެ 20 ވަނަ ދުވަހު ހަމަޖެއްސުމާ ގުޅިގެން ހަތް ގާޑިއާއަކުން ހުއްދަ ނަގާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ބިޒްނަސް ޑިޕާޓްމަންޓުން ބުނެފި އެވެ.
އެ ޑިޕާޓްމަންޓާ ހަވާލުވެ ހުންނަވާ ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ވިދާޅުވީ، އައްޑޫގެ ގާޑިޔާ ހިންގުމުގެ ގަވައިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ދޫކުރާ ވަގުތީ ހުއްދަ ހަތް ގާޑިއާއަކުން ނަގާފައިވާ ކަމަަށެވެ.
އެހެންވެ މިހާރު ހުއްދަ ނުނަގައި ހިންގާ ގާޑިއާއެއް ނޯންނާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާޑިއާ ހިންގާ ފަރާތްތަކުން ވަގުތީ ހުއްދައިގެ ދަށުން މަހަކު 50ރ. ދައްކަން ޖެހެ އެވެ.
ކައުންސިލުން ބުނީ އައްޑޫގެ ގާޑިޔާ ވިޔަފާރި އާ ބެހޭ ގަވައިދު ގެޒެޓްގައި ޝާއިއުކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި ގަވައިދު ގެޒެޓްކުރެވުމުން މިހާރު ދޫކުރަން ފަށާފައިވާ ވަގުތީ ހުއްދަ ބާތިލްކުރެވޭނެ ކަމަށް ވެސް ބިޒްނަސް ޑިޕާޓްމަންޓުން ބުންޏެވެ.