Last Updated: May 3, 22:21
Saturday, May 4, 2024
ޚަބަރު

"އައްޑޫ ލައިވް" އަށް ރާއްޖޭން ވަދެވޭ ގޮތް ހަދައިފި

ސަރުކާރުގެ އެތެރޭގެ ކޮރަޕްޝަންތަކާއި، ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ކިއުންތެރިންނާ ހަމައަށް ގެނެސް ދެމުން ދިޔަ އައްޑޫ ލައިވް ނޫސް ރާއްޖޭން ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައި އޮތުމަށް ފަހު މިއަދު ރަސްމީކޮށް ނޫހަށް ވަދެވޭ ގޮތަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހަދައިފި އެވެ.

ހޯމް މިނިސްޓްރީގައި ރެޖިސްޓްރީކޮށްފައި ނެތް ކަމަށް ބުނެ ބްލޮކް ކުރި ނޫސް މިއަދު އަލުން ވަދެވޭ ގޮތަށް ހަދާފައި ވަނީ ނޫސް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމުންނެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ނާޒުކު ފައްތަރެއްގައި ވަނިކޮށް އައްޑޫ ލައިވް"އަށް ރާއްޖޭން މިއަދު ވަދެވޭ ގޮތަށް ހެދުމާ ގުޅިގެން ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.

ޖެނުއަރީ 1، 2013 ވަނަ ދުވަހުން ފެށިގެން މެދު ނުކެޑި ހިންގަމުން އައި އައްޑޫ ލައިވް، ސަރުކާރުން ބްލޮކް ކުރީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.

ނޫސް ބްލޮކް ކުރުމަށްފަހު ކޭމް އިން ބުނީ ސައިޓް ބްލޮކް ކުރީ ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް ހިންގާތީ ކަމަށެވެ.

"އައްޑޫ ލައިވް"އަކީ ފަހުގެ ތާރީހެއްގައި ދިވެހި ސަރުކާރުން ރަސްމީކޮށް ބްލޮކް ކުރި ހަމައެކަނި ނޫސް ވެބްސައިޓެވެ.