Last Updated: May 3, 22:21
Friday, May 3, 2024
ސިޔާސީ

ރައީސް މައުމޫން އޭސީސީ އަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު، ތީމުގެ ހިންގެވި ގޮތް އޮޑިޓް ކޮށް އޮޑިޓާ ޖެނެރަލް ނެރުއްވާފައި އޮތް ރިޕޯޓުގައި ކޮރޮޕްޝަނުގެ މައްސަލަތަކެއް ފާހަގަ ކޮށްފައިވުމުގެ ސަބަބުން އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ރައީސް މައުމޫން އޭސީސީ އަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުން މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވަނީ އޭސީސީ އާއި ފުލުހުންވެސް ގުޅިގެންނެވެ. މައްސަލަ ތަހުގީގު ކުރުމަށް އޭރު ތީމުގޭގެ އެކިއެކި މަގާމު ތަކުގައި ތިބި މީހުންގެ ތެރޭގައި މައުމޫންވެސް ހިމެނިފައިވަނީއެވެ.

ނަމަވެސް މިހާތަނަށް އެމައްސަލައިގެ ތަހުގީގު ކޮށްފައިނުވާ ސަބަބެއް އޭސީސީ އިން ހާމަކޮށްފައެއް ނުވެއެވެ. އަދި ކުއްލި ގޮތަކަށް އެމައްސަލަ އަލުން ބަލައި ތަހުގީގު ކުރަނީ ކީއްވެ ކަމެއްވެސް އެއިދާރާއިން ބުނެފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި، 2009 ވަނަ އަހަރު އޭރުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އިބްރާހިމް ނައީމް ތީމުގެ އޮޑިޓް ކުރައްވައި ނެރުއްވާފައިވާ ރިޕޯޓުގައި ވާގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ތީމުގެއަށް ބޭނުންވާ ވަރަށް ވުރެ ބޮޑަށް ޚަރަދު ކޮށްފައިވާ ކަމަށެވެ.

އަދި އެމަނިކުފާނު ބާރުގެ ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަން ސާބިތުވާކަމަށާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނެ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.