Last Updated: June 27, 10:45
Saturday, June 27, 2026
ސިޔާސީ

އީދު ސަލާމަށް ފަހު ރައީސްގެ އިސްތިއުފާ އަށް ގޮވާލަނީ

މާދަމާގެ އީދު ނަމާދަށް ވީހާވެސް ގިނަ ބަޔަކު އިސްލާމީ މަރުކަޒަށް ގޮސް، އީދު ސަލާމް ކުރުމަށްފަހު ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވުމަށް ގޮވާލުމަށް އިދިކޮޅު އިއްތިހާދުން ގޮވާލައިފި އެވެ.

އިދިކޮޅު އިއްތިހާދުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހުލޫފް ވިދާޅުވީ މާދަމާ ސަރުކާރުން އިންތިޒާމް ކުރާ އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ފަހު ރައީސް އަބްދުﷲ ޔާމީނާއި ސަލާމް ކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފައި އެ މަނިކުފާންގެ އިސްތިއުފާ އަށް ގޮވަން ޖެހޭ ކަމަށެވެ.

މާދަމާގެ އީދު ނަމާދަށް ފަހު ރައީސް އީދު ސަލާމް ކުރުން ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ.

މަހްލޫފް ވިދާޅުވީ މާދަމާގެ އީދު ނަމާދަށް ފަހު ހާއްސަ ދުޢާއެއް ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ބަދު ދުޢާއެއް ނޫން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މާދަމާގެ އީދު ސަލާމް ކުރުމގެ ތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ފުރުސަތު ނުދޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.