ހުޅުމީދޫގައި މަސްތުވާތަކެއްޗާއި، ތަފާތު އެކި މައްސަލަތަކުގައި ޖަލަށްލުމަށް ހުކުމްކޮށްފައި ތިބި ކުށްވެރިންތަކެއް މުޖުތަމަ އަށް ދޫކޮށްލެވައިވާތީ އެ މީހުންގެ އުނދަގޫ ބޮޑުވެގެން ރައްޔިތުން ޝަކުވާ ކުރަން ފަށައިފި އެވެ.
"އައްޑޫ ލައިވަ" ށް އެނގިފައިވާ ގޮތުގައި ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ނުކުރެވި ރަށުތެރެ އަށް ވަނީ ނުވަ މީހަކު ދޫކޮށްލެވިފަ އެވެ.
އެ މީހުންނަކީ ތިން މަހާއި ދެ އަހަރާ ދޭތެރޭ މުއްދަތަކަށް ޖަލު ހުކުމް ކޮށްފައިވާ މީހުން ކަމަށް ވެސް އެނގިފައިވެ އެވެ.
އެގޮތުން ހުކުމް ކޮށް ތަންފީޒު ނުކުރެވި ރަށުތެރެ އަށް ދޫކޮށްލެވިފައިވާ މީހުންނަކީ މީދޫ ރެޑިއަމްވިލާ އަލީ ފިޔާޒު އާއި ކުރެދިމާގެ މުހައްމަދު މުޒާހު އާއި އެ ރަށު ސަމާ އިބްރާހިމް ސިޔާދު އެވެ. އަދި ހުޅުދޫ ހިކިއުނިމާގޭ ހުސެއިން ސާހިބް އާއި ހުޅުދޫ މުޝްތަރީގެ އަބްދުﷲ މުއްނިމް އާއި ސަންފްލާވާ އަހުމަދު އިފްޒާލް އާއި ނާދީ މުޒްލިފް ޖައުފަރު އާއި އުދަރެސް ހުސެއިން ޝަހުދު މޫސާ އަދި ނިސްރީނުގޭ މޫސާ ފުތާ ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މޫސާ ފުތާ އަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހެކެވެ. މި މީހުންނަކީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަމުގައި އިސްކޮށް މި މީހުން ހަރަކާތްތެރިވާކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުން ހިންގާ އޮޕަރޭޝަނުގައި ވެސް ހުދޫން ދާދި ފަހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ 77 ޕެކެޓާ އެކު 36 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
.