ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި އެކު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ބޭއްވި ބައްދަލުވުމުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލު ކުރެއްވުމުގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތައް ހިންގުމުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ހުރަސްތަކަކީ ކޮބައިތޯ ބައްލަވައި، އެކަމުގައި ވެދެއްވެން އޮތް އެހީތެރި ކަމެއް ވެދެއްވުން ކަމަށް ވިދާޅުވި އެވެ.
ލާމަރްކަޒީ ނިޒާމަކީ އަލަށް ތަޢާރުފް ކުރެވުނު ނިޒާމަކަށްވުމާއެކު، ދިމާވާނެ މައްސަލަތައް ހުންނާނެ ކަމަށާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރެވެންހުރި ކަންތައްތައް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަން ޖެހޭ ކަމަށާއި، އަދި ކައުންސިލްތަކާއި އެ ދާއިރާތަކާ ފަސޭހަ އިން މުޢާމަލާތު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަންކަން ޙައްލުކުރެއްވުމަށް ސިސްޓަމެޓިކްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށާއި، ސަރުކާރުގެ ދާއިރާތައް މެދުވެރިވެގެން ކުރަން ޖެހޭ ކަންކަން ކުރުމުގައި ވާހަކަދެކެވި، މަޢުލޫމާތު ބަދަލުކުރުން މުހިންމު ކަމުގައި ވިދާޅުވިއެވެ.
އަދި ކައުންސިލްތަކާއި ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވޭނެ މަގުފަހިކުރެއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ މެދަކާ ހިސާބަށް ދިޔުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވަން ޤަޞްދު ކުރައްވާކަންވެސް ހާމަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، އަތޮޅު ކައުންސިލްތަކުގެ ފަރާތުން މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ފަތުޙީ ދެއްކެވި ވާހަކައިގައި، ކައުންސިލްތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދިނުމަށް ބޭނުންވާ ބަޖެޓްވެސް ނެތްކަން ފާހަގަކުރައްވައި، އިދާރީ ބަޖެޓްވެސް ކުޑަވެފައިވާ ކަމުގައި ވިދާޅުވިއެވެ.
މާލޭ ސިޓީ މޭޔަރު މައިޒާން ޢަލިމަނިކު ދެއްކެވި ވާހަކައިގައި، ކައުންސިލްތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ފާހަގަކުރެއްވިއެވެ. އަދި މާލޭސިޓީން ކުރައްވަންޖެހޭ ކަންކަން ކުރެއްވުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އެކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފިނޭންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، 2013 ވަނަ އަހަރުގެ ބަޖެޓުން ދެބިލިއަން ރުފިޔާ އުނި ކުރައްވާފައިވާތީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ލިބުނު ބަޖެޓް ކުޑަވެފައިވާކަން ފާހަގަ ކުރެއްވި އެވެ.