Last Updated: May 5, 19:11
Sunday, May 5, 2024
ސިޔާސީ

ކާނިވާ ނުލިބިގެން އިއްތިހާދު ހައުސިންގައި

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ހަދާފައިވާ މޯލްޑިވިސް ޔުނައިޓެޑް އޮޕޮސިޝަނުން ބާއްވަން އުޅޭ ބޮޑު ޖަލްސާއަށް ކާނިވާ ސަރަހައްދު ދޫކުރުމަށް އެދި ހައުސިންގ މިނިސްޓްރީ އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބެނީސް މިނިސްޓްރީ އިން ނުނިކުންނާނެ ކަމަށް ވިދާޅުވެއްޖެއެެވެ.

މާދަމާ ރޭ އިއްތިހާދުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ބޭއްވުމަށް ކާނިވާ ހޯދުމަށް އެދި ސިޓީ ލާފައިވާތަން މަހަކަށްވުރެ ގިނަ ދުވަސް ވެފައިވީއިރުވެސް ސިޓީއަށް މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް އަރުވާފައި ނުވުމުގެ ސަބަބުން އިއްޔެ ކުރީގެ މިނިސްޓަރު މުސްތަފާ ލުތުފީއާއި ނިޔާޒްވެސް ވަނީ މިނިސްޓްރީއަށް ގޮސްފައެވެ.

ނަމަވެސް އެބޭފުޅުންނަށްވެސް މިނިސްޓްރީއިން ވަނީ ޖަވާބެއް ލިބިފައި ނުވެއެވެ. އެހެންކަމުން މިއަދު މިނިސްޓްރީ އަށް ދިޔަ އިއްތިހާދުގެ މަންދޫބުން ވަނީ ޖަވާބެއް ނުލިބެނީސް އެތަން ދޫކޮށް ނުދިއުމަށް ނިންމާފައެވެ.

މިނިސްޓްރީއަށް ގޮސްފައިވާ އިއްތިހާދުގެ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ އިތުރުން އިއްތިހާދުގެ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފު، މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝިފާ މުހައްމަދު، އެމްޑީޕީގެ ވައިސް ޗެޔާޕާސަން އަލީ ނިޔާޒް، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް، އާދަމް އާޒިމް އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

ޖަލްސާ ބޭއްވުމަށް ހުއްދަނުދީ ސިޓީއަށް ޖަވާބު ނުދެނީ އެބޭފުޅުންގެ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް އިދިކޮޅު އިއްތިހާދުންވަނީ ބުނެފައެވެ.