Last Updated: April 28, 14:38
Sunday, April 28, 2024
މީހުން

"ފާރިސް ޕާޓީން ވަކި ނުކުރެވޭނެ"

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫން ޕީޕީއެމްއިން ވަކި ކުރަން އެޕާޓީގެ ސުލޫކީ ކޮމެޓީން ނިންމި ނަމަވެސް އޭނާ ޕާޓީން ވަކި ނުކުރާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ފާރިސް ޕާޓީން ވަކި ނުކުރާނެކަން ސުލޫކީ ކޮމެޓީއަށް ޕީޕީއެމްއިން މިއަދު ވަނީ އަންގާފައެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސޮއިކުރައްވައި ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހުމާނަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ "ޕީޕީއެމްގެ ސުލޫކީ މައްސަލަތަކާ ބެހޭ ގަވާއިދު"ގައިވާގޮތުން ސުލޫކީ މައްސަލަ ހުށަހަޅަންޖެހޭނީ ޕާޓީގެ އޮފީހަށް ފޯމަކުން ކަމަށެވެ. ނަމަވެސް ފާރިސްގެ މައްސަލަ ޕާލަމެންޓްރީ ގްރޫޕުން ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައި ވަނީ ސިޓީއަކުން ކަމަށާއި އެ ސިޓީގެ ކޮޕީއެއް އެ ގްރޫޕުން ޕީޕީއެމްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އަލީމް ވިދާޅުވީ އަލީ ވަހީދު ޕީޕީއެމް އޮފީހަށް ފޮނުއްވި ސިޓީގައިވާގޮތުން ފާރިސްގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައި ވަނީ ޕީޖީ ގްރޫޕްގެ މެމްބަރަކު އަނގަބަހުން ކަމަށެވެ.

ފާރިސްގެ މައްސަލަ ބެލި ކަމަށް ސުލޫކީ ކޮމެޓީން ބުނާއިރު، އޭނާގެ މައްސަލަ ބެލިކަމަށް ބުނާ ބައްދަލުވުމާ ބެހޭ ރަސްމީ އެއްވެސް ލިޔުމެއް ޕާޓީގެ އޮފީހަށް ލިބިފައިނުވާ ކަމަށް ވެސް އަލީމް ފޮނުއްވި ސިޓީގައި ވެއެވެ.

ފާރިސް ޕީޕީއެމްއިން ވަކިކުރުމަށް ސްލޫކީ ކޮމެޓީން ނިންމާފައިވަނީ ބިޑަކާއި ނުލައި ރާއްޖޭގެ ރަށްތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށް މަޖްލިސްއަށް ހުށަހެޅި އިސްލާހަށް ވޯޓު ނުދިނުމާއި ގުޅިގެންނެވެ. މި މައްސަލަ އާއި ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ.